Monday 27th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަސްވެރިން

މަސްވެރިންނަށް 740 މިލިއަން ރުފިޔާ ދޫކޮށްފި، ދެން އޮތީ 48 ގަޑިއިރުތެރޭ ފައިސާ ދޫކުރަން ފެށުން

މަސްވެރިން ކިރުވާފައިވާ މަހަށް ދޭންޖެހި ނުދެވި ހުރި ފައިސާ ރަމަޟާން މަސް ފެށުމުގެ ކުރިން ދައްކައި ޚަލާޞްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް ފާއިތުވި ހުކުރުދުވަހާ ހަމައަށް މަސްވެރިންނަށް ނުދެވި ހުރި ހުރިހާ ފައިސާއެއް ދައުލަތުގެ މަސް ކުންފުނި މިފްކޯއިން އިއްޔެ ދީ ޚަލާސްކޮށްފިއެވެ.

ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ.މުޢިއްޒުވަނީ ހުކުރުދުވަހާ ހަމައަށް މަސްވެރިންނަށް ނުދެވި ހުރި ފައިސާ އެކީ ދައްކައި ޚަލާސްކުރެވިފައިވާކަން އިއުލާނުކުރައްވާފައެވެ. އެ ފައިސާ ދޫކުރުމުގެ މަސައްކަތް އިއްޔެ ފެށިކަން މިފްކޯއިންވެސް އޮތީ އިއުލާނުކޮށްފައެވެ.

މަސްވެރިންނަށް ފައިސާ ދޫކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ދޭންޖެހޭ 240 މިލިއަނެއްހައި ރުފިޔާ މަސްވެރިންނަށް ނުދީ އޮތުމުގެ ސަބަބުންނެވެ. އެ ފައިސާ ދައްކަމުންދިޔަ ވަގުތު މަސްވެރި ބާނައި ކިރުވަމުންދިޔަ މަހަށް ވަގުތުން ފައިސާ ނުދެވި ލަސްވެ ބެކްލޮގެއް އުފެދުނެވެ.

ހަމައެއާއެކު ރިޔާސީ އިންތިޚާބުގެ ތެރޭގައި މަސްވެރިންގެ ވޯޓު ހޯދުމަށް އެއިރުގެ ސަރުކާރުން ކުއްލި ގޮތަކަށް މަހުގެ އަގު 25 ރުފިޔާއަށް ބޮޑުކުރުމުގެ ސަބަބުން މަސްވެރިންނަށް ފައިސާ ދިނުމުގައި ބޮޑެތި ދަތިތަކެއް މަސް ކުންފުންޏަށް ކުރިމަތިވިއެވެ.

ބައިނަލްއަޤުވާމީ ބާޒާރުގައި މަސް ކިލޯއެއްގެ އަގު ގާތްގަނޑަކަށް 21 ރުފިޔާގައި ހުއްޓައި މިފްކޯއިން މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކުރުމުން މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކުގެ ވިޔަފާރި އެކީގައިހެން ހުއްޓުމަކަށް އަތުވެދޭނެކަމުގައި އެއިރު އެ ކުންފުނިތަކުން ބުންޏެވެ.

މި ސަރުކާރު ވެރިކަމަށް އައިސް މަހުގެ އަގު މުރާޖައާކޮށް މަހުގެ އަގު 20 ރުފިޔާއަށް ތިރިކުރިއެވެ. އަދި ކުރީ ސަރުކާރުން ނުދައްކައި ހުރި ފައިސާ މަސްވެރިންނަށް ދެއްކުމުގެ މަސައްކަތް ފެށިއެވެ. އެގޮތުން އިއްޔެ މަސްވެރިންނަށް ދޫކުރި 157 މިލިއަން ރުފިޔާއާއެކު ޖުމްލަ 740 މިލިއަން ރުފިޔާ މި ސަރުކާރުން މަސްވެރިންނަށް ދޫކޮށް، މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ބެކްލޮގު އެކީ ސާފުކޮށްފައިވެއެވެ.

48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ދޭނެ

މި ފައިސާ މަސްވެރިންނަށް ދޫކުރެވުމާއެކު، ދެން އޮންނާނީ މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުންކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމު ވިދާޅުވެފައިވެއެވެ. އެގޮތުން މިހާރު މަސްވެރިންނަށް ދޫކުރަންޖެހިފައިހުރި ހުރިހާ ފައިސާއެއް ދޫކުރެވުމާއެކު، މަސްވެރިންނަށް 48 ގަޑިއިރު ތެރޭގައި ފައިސާ ލިބޭނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވާފައިވެއެވެ.

މާޗު 7 ވަނަ ދުވަހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިޔާމު ވިދާޅުވީ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ބެކްލޮގެއް އޮތުމުން މިފްކޯގެ ކޭޝް ފްލޯ ދަތިވުން ކަމަށެވެ. ނަމަވެސް އެ ފައިސާ ދޫކޮށް ޚަލާސްކުރުމުން އެދަތިކަމުން އަރައިގަނެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެދިމާލަށް މިދަނީ. އަޅުގަނޑުމެން އަމާޒު ހިފާފަ މިހުރީ ހަމަ ރައީސްގެ ވައުދުފުޅާ އެއްގޮތަށް މަސްވެރިންނަށް ހަމަ މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި އެ ފައިސާ ދޭން. މީގަ އޮތް އުނދަގުލަކީ މާލީ ތަންކޮޅެއް އުނދަގޫ ހާލަތެއްގައި އަޅުގަނޑުމެން މި ސަރުކާރާ ހަވާލުވިއިރު އޮތުން،" މިނިސްޓަރު ވިދާޅުވި އެވެ.
"5 މާޗުގައި އަޅުގަނޑުމެން ދިން ޕޭމަންޓުތަކާ އެކީގައި އެ ދެވުނީ ގާތްގަނޑަކަށް 25 ޖެނުއަރީއާ ހިސާބަށް ހުރި ޕޭމަންޓުތައް އެ ދެވުނީ 5 މާޗުގަ. އޭގެ މާނައަކީ އަދިވެސް އެއްމަހަށްވުރެ ގިނަ ދުވަހުގެ ފައިސާ އެބަ އޮތޭ ނުދެވި. އެ ފައިސާ އިރާދަކުރެއްވިއްޔާ ދެވިގެން، ކޭޝްޕްލޯ ހަމައަކަށް އެޅުނީމަ 48 ގަޑިއިރުން މަސްވެރިންނަށް ފައިސާ ދޭން ފެށޭނެ."

މިނިސްޓަރުގެ އިތުރަށް މިފްކޯގެ މެނޭޖިން ޑިރެކްޓާ އަޙްމަދު ޝަމާހު ވިދާޅުވީ އިއްޔެ ދޫކުރަން ހަމަޖެހިފައި އޮތް 157 މިލިއަން ރުފިޔާ ދޫކުރެވުމާއެކު ކުންފުންޏަށް ކުރިމަތިވެފައިވާ ކޭޝް ފްލޯގެ ދަތިކަމުގެ މައްސަލައަށް ހައްލެއް ލިބި 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރަން ފެށޭނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިމަހުގެ 3 ވަނަ ދުވަހު ދުވާފަރު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ރަމަޟާން މަސް ފެށުމުގެ ކުރިން މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދެއްވާނެ ކަމަށެެވެ. އަދި އެ ފައިސާ ދީ ޚަލާސްކުރެއްވުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދެއްވާނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީ ފަހަށް ނުބަހައްޓައި 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ކަމަށެވެ.

މި ލިއުމާއި ގުޅޭ