މީގެ ނުވަ އަހަރުކުރިން ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުން ހައުސިން މަޝްރޫއުއެއް ހިންގުމަށްކަމަށް ބުނެ 100 އަށްވުރެ ގިނަ މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާާ ނަގައި ޚިޔާނަތްތެރިވި މައްސަލައިގައި ގެއްލުންވި ބައެއް މީހުންނަށް ބަދަލުގެ ގޮތުގައި މި ސަރުކާރުން ފުލެޓު ހަމަޖައްސައިދީފިއެވެ.
ސީލައިފް ހައުސިން މަޝްރޫއު އިއުލާނުކުރުމުން 2014 ވަނަ އަހަރު ފުލެޓު ގަންނަން ބުކިންގ ފީގެ ގޮތުގައި ބައިލައްކަ ރުފިޔާ އަދި ބައެއް މީހުން ޑައުންޕޭމަންޓަށް ބޮޑެތި އަދަދުތަކުން ފައިސާ ދެއްކިއެވެ. އެގޮތުން ގިނަ ބަޔަކު ފައިސާ ދައްކާފައި ވަނިކޮށް މަޝްރޫއުގެ މަސައްކަތެއް ކުރިއަށް ނުގެންގޮސް ހުއްޓައިލީއެވެ.
ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވ.އަތޮޅު ފެލިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަަށް އިއްޔެ ބޭއްވެވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ ސީލައިފް ސްކޭމުން ގެއްލުންވި 375 ވަރަކަށް މީހުންނަށް ބަދަލުގެ ގޮތުގައި މީގެކުރިން އެޗްޑީސީއިން ފައިސާ ދޫކުރި ކަމަށެވެ. ނަމަވެސް އޭރު ފައިސާ ދޫކުރީ ހިޔާ އަދި ވިނަރެސް މަޝްރޫއުއިން ފުލެޓު ދެވެން އޮއްވާ ކަމަށާއި މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ބަދަލުގެ ގޮތުގައި އެ ފަރާތްތަކަށް ފުލެޓު ހަމަޖައްސައިދިނުމަށް ކަމަށެވެ.
ފަޒުލް ވިދާޅުވީ ކުންފުނި ހިންގުމާ އޭނާ ހަވާލުވިއިރު 203 މީހެއްގެ ތަންފީޒުކުރުމުގެ ހުކުމެއް ކުންފުނީގެ މައްޗަށް އޮތް ކަމަށާއި އެއިން ބައެއް މީހުންނަށް ހައްގު ހޯދައިދީފައިވާ ކަމަށެވެ. އެގޮތުން ހިޔާ ފުލެޓުތަކުން ބާކިވެފައިވާ 60 އެއްހައި ޔުނިޓުން އެ ފަރާތްތަކަށް ޖާގަދީފައިވާއިރު ވިނަރެސްގެ 130 ފުލެޓުން ބައެއް މީހުންނަށް ފުލެޓު ހަމަޖައްސައިދީ ލިޔުން ހަވާލުކޮށްފައިވާ ކަމަށެވެ.
ނަމަވެސް ބަދަލުގެ ގޮތުގައި ފުލެޓު ދިން މީހުންގެ ސީދާ އަދަދެއް ފަޒުލް ހާމައެއް ނުކުރައްވައެވެ.
ސީލައިފް ކުންފުނިން ހިންގި ސްކޭމާ ގުޅިގެން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު މޫސާ މުޙައްމަދު (އަންމަޓީ) މައްޗަށް 42 ދައުވާ އުފުލާފައިވާއިރު އެ ދައުވާތައް ކޯޓުގައި ހިނގަމުން އެބަދެއެވެ.