ދައުލަތުގެ ބަޖެޓުން ކައުންސިލުތަކަށް ޤާނޫނުގެ ތެރެއިން ދެމުންދާ ބްލޮކް ގްރާންޓަށް އިސްލާހުކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ކ.ގުރައިދޫ ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވުމަށް މިއަދު ބޭއްވެވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު މިހާރު އަތޮޅުތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ކައުންސިލުތަކާ ބައްދަލުކުރެއްވި ކުރެއްވުމުގައި މިހާރު ލާމަރުކަޒީ ޤާނޫނުގެ ތެރެއިން ކައުންސިލުތަކަށް ދޭ ގްރާންޓަށް ބަދަލުތަކެއް ގެންނަންޖެހޭކަން ފާހަގަކުރެއްވިފައިވާ ކަމަށެވެ.
އަދި އޭގެ އިތުރަށް މީރާއަށް ޓެކުސް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ ތެރެއިން މިންވަރެއް ކައުންސިލުތަކަށް ދިނުމަކީ ހަގީގީ މާނާގައި ރައްޔިތުން ބާރުވެރިކުރުމަށް ކުރަންޖެހޭ ކަމެއްކަމުގައި ދެކެވަޑައިގަންނަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެފަދައިން ކައުންސިލުތަކަށް ދައުލަތުގެ އާމްދަނީ ވަކި މިންވަރެއް ދިނުމުން ކައުންސިލުތަކުން އެ ކައުންސިލުތަކުގެ ފެންވަރުން ރަށު ތަރައްޤީއަށްޓަކައި އަދި ކައުންސިލުތަކުގެ އާމްދަނީ އިތުރުކުރުމަށްޓަކައި އެކިކަހަލަ މަސައްކަތްތައް ކުރަން ފަށާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
"ކައުންސިލުތަކަށް އެކިއެކި އިޤުތިޞާދީ މަސައްކަތްތަކުން މީރާއަށް ޖަމާކުރާ ފައިސާއިން ބައިކުޅަ ބައެއް ލާމަރުކަޒީ އުސޫލުން ކައުންސިލުތަކާ ހަވާލުކުރުމަކީ ހަގީގަތުގައިވެސް ރައްޔިތުންނަށް ދެވޭ ބާރުވެރިކަމެއް. ރައްޔިތުންނަށް ރައްޔިތުންގެ ފައިސާއިން ފައިސާ ލިބޭނެ ގޮތް ހަމަޖެއްސުމުން ކައުންސިލުތަކުން ކައުންސިލުތަކުގެ ފެންވަރުގައި އެކިކަހަލަ މަސައްކަތްކުރަން ފަށާނެ،" ރައީސް ވިދާޅުވިއެވެ.
"އިޤުތިޞާދީ މަސައްކަތްވެސް ފެށޭނެ. އާމްދަނީ އިތުރުކުރެވޭނެ މަސައްކަތްވެސް ފެށޭނެ. މަރާމާތުކުރުންކަމަށްވީ ނަމަވެސް ފެށޭނެ،"
މިހާރު ޤާނޫނުގައި ކައުންސިލުތަކަށް ވަކި ފޯމިއުލާއެއްގެ ދަށުން ދިނުމަށް ކަނޑައަޅާފައިވާ ބްލޮކް ގްރާންޓަށްވެސް ބަދަލުތަކެއް ގެންނަވާނެކަން އިއުލާނުކުރެއްވުމާއެކު ރައީސް ވިދާޅުވީ އެމަނިކުފާނު އަތޮޅު ތެރެއަށް ކުރެއްވި ދަތުރުފުޅުތަކުގައި 143 ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއެކު ބޭއްވެވި ބައްދަލުވުންތަކުން ފާހަގަކުރެއްވުނީ ބްލޮކް ގްރާންޓަށް ބަދަލުތަކެއް ގެންނަންޖެހިފައިވާކަން ކަމަށެވެ.
"މިބޭއްވުނު 144 ބައްދަލުވުން، 144 ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއެކު ބޭއްވުނު ބައްދަލުވުންތަކުން އަޅުގަނޑަށް ޤަބޫލުކުރެވުނީ މިކަން އެބަޖެހޭކަން ރަނގަޅުކުރަން. މި ބްލޮކް ގްރާންޓަށް ރަނގަޅު ބަދަލުތަކެއް ގެންނަންޖެހޭކަމަށް،" ރައީސް ވިދާޅުވިއެވެ.
އެގޮތުން މިހާރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ބްލޮކް ގްރާންޓުގެ ތެރެއިން ފޯރުކޮށްދޭ 5 އިންސައްތައަކީ އެ ކޮމިޓީތަކުން ހިންގަންރާވާ ހަރަކާތްތައް ހިންގުމަށް ދެވޭ ފައިސާގެ ގޮތުގައި ހަމަޖައްސަންޖެހޭ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ ކޮމިޓީތަކުގެ މުސާރައަކީ ކައުންސިލުތަކުގެ ބަޖެޓުގައި ހިމެނިގެންދޭ އެއްޗެއްކަމަށްވެސް ހަމަޖައްސަންޖެހޭ ކަމަށް ވިދާޅުވިއެވެ.
"ހަމައެކަނި ހަރަކާތް ހިންގަން އެ ފަސް އިންސައްތަ ހަމަޖައްސަންޖެހޭ. މުސާރަ ނުވަތަ އެލަވެންސަކީ މުޅި ކައުންސިލުގެ ބަޖެޓުގައި ހިމަނައިގެން ދޭ އެއްޗަކަށް ހަމަޖައްސައި އެ ފަސް ޕަސެންޓަކީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ރަށުގައި ހިންގަން ބޭނުންވާ ހަރަކާތްތަކަށް ޚާއްޞަކުރެވޭ އެއްޗަކަށް ހަދަން ބޭނުން. އެހެން ހެދީމައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އަންހެނުންގެ ތަރައްޤީއަށް މާބޮޑަށްވެސް މަސައްކަތްކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.
އިތުރަށް ރައީސް ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ތެރެއިން ވަކި އިންސައްތައެއް ކައުންސިލުތަކަށް ދިނުމަށް ބޭނުންފުޅުވަނީ ބްލޮކް ގްރާންޓު ކުޑަކޮށްފައި ނޫން ކަމަށެވެ. އެފަދައިން ބްލޮކް ގްރާންޓު މަދުކުރަން އުޅޭކަމަށްކަމުގައި ބުނެ ފަތުރާ ވާހަކައަކީ އެމަނިކުފާނުގެ ވާހަކަފުޅު އޮޅުވައިލުމަށް ފަތުރާ ވާހަކައެއް ކަމުގައި ރައީސް ވިދާޅުވިއެވެ.