Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

ފަސްދޮޅަށް ފުލުސް ސްޓޭޝަން އެޅުމަށް ކަމުގައި ބުނެ ކުރީ ސަރުކާރުން ހިންގީ ސްކޭމެއް؟

ކުރީ ސަރުކާރުގައި 60 ރަށެއްގައި އިންޑިއާ ކުންފުންޏެއް މެދުވެރިކޮށް ޕޮލިސް ސްޓޭޝަން އެޅުމަށް އިއުލާނުކޮށް، އެ މަސައްކަތް ހިންގުމުގެ އެއްބަސްވުމުގައި ސޮއިކުރިއެވެ. އެއާއެކު ބައެއް ރަށްތަކަށް ޕޮލިސް ސްޓޭޝަން އެޅުމަށް ބިން ކަނޑައަޅަންވެސް އަންގާފައިވެއެވެ. އެ ރަށްތަކުގެ ކައުންސިލުތަކުން އެކަމަށް ބިން ކަނޑައަޅައި ސަރުކާރަށް އެންގި ނަމަވެސް އެ ސަރުކާރުގެ ދައުރު ހަމަވެގެންދިޔައިރު އެއިން އެއްވެސް ރަށެއްގައި ޕޮލިސް ސްޓޭޝަން އެޅުމުގެ މަސައްކަތް އޮތީ ނުފެށިއެވެ.

އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް އެންޑް ޑިވެލޮޕްމަންޓްސް ނަމަކަށް ކިޔާ މި ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކުރީ 2021 ވަނަ އަހަރުއެވެ. އޭގެ ދެ އަހަރުފަހުން މަސައްކަތް ނުފެށޭތީ އެއިރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ ސުވާލުކުރުމުން އޭނާ ވިދާޅުވެފައިވަނީ އެ މަސައްކަތް ލަސްވަނީ ސަރުކާރުން ދޭންޖެހޭ އެޑްވާންސް ޕޭމެންޓު ނުދެވުމުގެ ސަބަބުން ކަމަށެވެ. އަދި އެޑްވާންސް ޕޭމެންޓު ދިނުމުގެ މަސައްކަތްކުރަމުންދާކަމަށް 2023 ވަނަ އަހަރުގެ މާޗުމަހުގެ 7 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގައި އިމްރާން ވިދާޅުވިއެވެ.

މިހާރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަތޮޅު ތެރެއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ރަށު ކައުންސިލުތަކާ ބައްދަލުކުރައްވާ ކުރެއްވުމުގައި ވަރަށް ގިނަ ކައުންސިލުތަކުން އެ މައްސަލައާމެދު އެމަނިކުފާނާ ސުވާލުކުރެއެވެ. އެގޮތުން އެ މަސައްކަތް ފެށޭނީ ކޮން ތާރީޚެއްގައިތޯއާއި ޕޮލިސް ސްޓޭޝަން ނިމޭނީ ކޮންއިރަކުތޯ ކައުންސިލަރުން ސުވާލުކުރައްވައެވެ.

މިއަދު ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ކެޕްޓަން ރިޓަޔާޑް އަލީ އިހުސާން ވިދާޅުވީ ކައުންސިލުތަކުން އެކަމާ ގުޅިގެން ކުރަމަތިކުރާ ސުވާލުތަކަށް ޖަވާބުދެއްވުމުގެ ގޮތުން އެ މުއާމަލާތް ހިނގާފައިވާ ގޮތް ބެއްލެވި ކަމަށެވެ. އަދި އެ މުއާމަލާތުގެ ގިނަ ތަފުސީލުތަކެއް ވަޒީރުވަނީ މިއަދު ހިއްސާކުރައްވާފައެވެ.

މި މަޝްރޫޢު ހިންގުމަށް ޝައުޤުވެރިކަން އިންދިރާ ޕްރޮޖެކްޓްސް ކުންފުނިން ފާޅުކުރިކަމަށާއި، އެ ކުންފުނިން ހުށަހެޅީ އެ މަޝްރޫޢަށް ބޭނުންވާ ފައިސާ 85 އިންސައްތަ އިންޑިއާ އެގްޒިމް ބޭންކު މެދުވެރިކޮށް ހޯދުމަށެވެ. ބާކީ 15 އިންސައްތަ ފައިސާ ދިވެހި ސަރުކާރުން ހަމަޖައްސާށެވެ. އަދި އެގޮތަށް ޕްރޮޕޯޒަލް ހެދުމަށްފަހު އެއްބަސްވުމެއް ސަރުކާރާއި އެ ކުންފުންޏާމެދު ހެދުނުކަމަށް އިހުސާން ވިދާޅުވިއެވެ.

"އެއަށްފަހުގައި 12 އޮކްޓޯބަރު 2022 ވަނަ ދުވަހުގައި އެބައޮތް ރެކޯޑުތަކުން ފެންނަން މިދަންނަވާ އިންދިރާ ޕްރޮޖެކްޓްސްއިން އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ޖޭވީ ކިޔާ ޕާޓްނާޝިޕަކަށް ބަދަލުކޮށް ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާކަން. މިދެންނެވި މައުލޫމާތުގެ އަލީގައި ދެން ސަރުކާރުން ޑީލްކުރަން ފަށާފައި މިއޮތޯ މިދެންނެވި ޖޮއިންޓް ވެންޗާ ކުންފުންޏާ،" މިނިސްޓަރު ވިދާޅުވިއެވެ.

އެފަދައިން މިޖޮއިންޓް ވެންޗާ ކުންފުންޏާ މުއާމަލާތްކުރަން ފެށިއިރުވެސް މި މަޝްރޫޢު ހިންގުމަށް އެއްވެސް ފައިސާއެއް އިންޑިއާގެ އެގްޒިމް ބޭންކުން ނުލިބޭކަމަށް އިހުސާން ވިދާޅުވިއެވެ. އެގްޒިމް ބޭންކުން ފައިސާއެއް ނުލިބި އޮއްވައި ދިވެހި ސަރުކާރުން 7 މާޗު 2023 ގައި އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ޖޭވީއަށް 3.6 މިލިއަން އެމެރިކާ ޑޮލަރު ދައްކާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"މިކުންފުންޏަކީ ބޭރުން ފައިސާ ގެނެސް ރާއްޖޭގެ 61 ރަށުގައި ޕޮލިސް ސްޓޭޝަން އަޅައިދޭ ނަމުގައި ރާއްޖެއަށް އައި ކުންފުންޏެއް. ނަމަވެސް ކުންފުންޏަށް ފައިސާ މިދައްކަނީ ސަރުކާރުން، 3.6 މިލިއަން ޑޮލަރު. ފައިސާ ދައްކާފައި ދެންދިޔަ އެއްވެސް ލިޔުމެއްގައި އެއްވެސް ޕޮލިސް ސްޓޭޝަނެއް އެޅުމުގެ އަމަލީ މަސައްކަތުގެ ވާހަކައެއް ނެތް،" އިހުސާން ވިދާޅުވިއެވެ.

އިތުރަށް މިނިސްޓަރު ވިދާޅުވީ އޭގެ ފަހުން 13 އޭޕްރީލް 2023 ގައި އިންދިރާ ޕްރޮޖެކްޓްސްއިން ސަރުކާރަށް އަންގާފައިވަނީ އެގްޒިމް ބޭންކުން ހަމަޖައްސަން އެ ކުންފުނިން ބުނި ލޯނު ނުލިބޭނެކަމަށް ކަމުގައެވެ. އަދި އޭގެ ފަހުން އެ ކުންފުންޏާއެކު ކުރެވުނު އެއްވެސް މުއާމަލާތަކުން ސަރުކާރުން ދިން 55 މިލިއަން ރުފިޔާއަށްވީ ގޮތެއްވެސް ނޭނގޭކަމަށް އިހުސާން ވިދާޅުވިއެވެ.

އިހުސާން އިތުރަށް ވިދާޅުވީ ފަހުން ޕޮލިސް ސްޓޭޝަންތައް އެޅުމަށް 5 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދޭނެކަން އިންޑިއާ ސަރުކާރުން އެންގިކަމަށެވެ. އަދި 5 އޯގަސްޓު 2023ގައި ކުރިން ސަރުކާރުން އިންދިރާ ޕްރޮޖެކްޓްސްއަށް ދިން 3.6 މިލިއަން ޑޮލަރަކީ އެ ހިލޭ އެހީގެ ތެރެއިން ދިން ފައިސާ ކަމުގައި ހަމަޖެއްސުމަށް ފިނޭންސް މިނިސްޓްރީން ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށެވެ.

ނަމަވެސް މިހާތަނަށް އިންދިރާ ޕްރޮޖެކްޓްސް ކުންފުންޏަކީ ކޮން ތަނެއްގައި ހުރި ކުންފުންޏެއްކަން އަދި އެ ކުންފުންޏާ މުއާމަލާތްކޮށް މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ކަންކުރަންވީ ކިހިނެއްކަން ލިޔެކިޔުމުން އެނގެންނެތްކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑު މިއުޅެނީ އަދިއަދަށްވެސް އެ ކުންފުނި ހުރި ތަނެއްވެސް، އެ ކުންފުނީގެ ފަރާތުން ވާހަކަދައްކަންވީ މީހެއްވެސް، އަދި އެކުންފުނީގެ ފަރާތުން މިދެންނެވި ޕޮލިސް ސްޓޭޝަންތައް އެޅުމުގައި ކުރިއަށްދާންވީ ގޮތް ނުހޯދިގެން،" އިހުސާން ވިދާޅުވިއެވެ.

އެ މައްސަލަ ތަހުގީގުކޮށް ކަން ހިނގި ގޮތް ބަލައިދިނުމަށް ފުލުހުންގެ ކިބައިން ވަޒީރު އެދިވަޑައިގަތުމާ ގުޅިގެން މިހާރު ފުލުހުންގެ އިދާރާއިން އެ މައްސަލަ ތަހުގީގުކުރަމުންދާކަމަށް ފުލުހުންގެ ޚިދުމަތުން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދީފައިވެއެވެ.

މިނިސްޓަރު އާންމުކުރެއްވި މައުލޫމާތުތަކަށް ބަލާއިރު ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏަށް ވެންޓިލޭޓަރު ގެންނަން ހަވާލުކޮށް 35 މިލިއަން ރުފިޔާ އެޑްވާންސް ފައިސާގެ ގޮތުގައި ދޫކުރުމަށްފަހު ވެންޓިލޭޓަރުތައް ނުލިބި ފައިސާ ގެއްލިގެންދިޔަ ދިއުމާއި، ޕޮލިސް ސްޓޭޝަން އެޅުމަށް އިންޑިއާ ކުންފުންޏަކާ ހަވާލުކޮށް، އެޑްވާންސް ފައިސާގެ ގޮތުގައި 55 މިލިއަން ރުފިޔާ ދޫކުރުމަށްފަހު ޕޮލިސް ސްޓޭޝަންތައް ނޭޅި މަޝްރޫޢު ނުފެށި އޮތުމާ ހުރި އެއްގޮތް ކަންކަން ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ.

މި ލިއުމާއި ގުޅޭ