މިދުވަސްވަރު މާލެ ސަރަހައްދުގައި ބޭރަށް ހިނގުމާއި ހޮޑުލުމުގެ ކޭސްތައް ރިޕޯޓުކުރެވެމުންދާ މިންވަރު އިތުރުވަމުންދާތީ ސަމާލުވާން އެދިއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު އެކްސްއަށް ކުރި ޕޯސްޓެއްގައި ބުނެފައިވާގޮތުން، ގްރޭޓަރ މާލެ ސަރަހައްދުގައި ހޮޑުލުމާއި ބޭރަށް ހިނގުމުގެ ކޭސްތައް ދަނީ އިތުރުވަމުންނެވެ.
އަދި ކުރިއަށްއޮތީ ބަރަކާތްތެރި ރަމަޟާންމަސް ކަމަށްވުމުން ގިނަ އާއިލާތަކުން އެކުގައި ކައްކާ ކެއްކުމުގެ ސަބަބުން ހޮޑުލުމާއި ބޭރަށް ހިނގުން ފެތުރެން މެދުވެރިވެދާނެކަމަށް ސަމާލުވާން އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.
އެޗްޕީއޭއިން އާންމުކޮށްފައި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ 4 ވަނަ ދުވަހުން 10 ވަނަ ދުވަހުގެ ނިޔަލަށް ހޮޑުލާ ބޭރަށް ހިނގުމުގެ 674 ކޭސް ރިޕޯޓުކުރެވިފައިވާއިރު 11 އިން 17ގެ ނިޔަލަށް 547 ކޭސް ރިޕޯޓުކޮށްފައިވެއެވެ.
އޭގެ އިތުރުން، މިދިޔަ މަހުގެ 18 ވަނަ ދުވަހުން 24ގެ ނިޔަލަށް 965 ކޭސް ރިޕޯޓު ކުރެވިފައިވާކަމަށާއި، މިދިޔަ މަހުގެ 25 ވަނަ ދުވަހުން ފަށައިގެން މާރިޗް މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް 889 ކޭސް ރިޕޯޓުކުރެވިފައިވާކަމަށް އެ އިދާރާއިން ހިއްސާކޮށްފައިވެއެވެ.
މިހާރު ފެތުރެމުންދާ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހޮޑުލުމާއި، ބޭރަށް ހިނގުމުގެ އިތުރުން އެނބުރުން އެރުމާއި، ކަރުހިއްކުމާއި، ބަނޑުގައި ރިއްސުމާއި ވަރުދެރަވުން ހިމެނެއެވެ.