Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާގެ އަސްކަރިއްޔާ

ފާއިތުވި އަހަރު ބަލިމީހުން އުފުލުމަށް އިންޑިއާގެ 2 ހެލިކޮޕްޓަރު ބޭނުންކުރީ އެންމެ 35 ފަހަރު

ފާއިތުވި 2023 ވަނަ އަހަރު، އިންޑިއާއިން ރާއްޖޭގައި އޮޕަރޭޓުކުރާ ދެ ހެލިކޮޕްޓަރު ބޭނުންކޮށްގެން ބަލިމީހުން ކުއްލި ހާލަތުގައި އެއް ތަނުން އަނެއް ތަނަށް އުފުލާފައިވަނީ އެންމެ 35 ފަހަރުއެވެ.

އާސަންދައިގެ ޚިދުމަތް ތައާރަފުކުރިފަހުން ފާއިތުވި އަހަރުތަކުގައި މެޑިކަލް އިވެކުއޭޝަން ހަދާފައިވާ އަދަދުތައް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "ދިޔަރެސް"އިން ހޯދަން އެދުމުން އާސަންދައިން ހިއްސާކޮށްފައިވެއެވެ.

އާސަންދައިން ހިއްސާކުރި މައުލޫމާތަށް ބަލާއިރު ފާއިތުވި އަހަރު 4،384 ފަހަރެއްގެ މަތިން އާސަންދައިގެ އެހީގައި ބަލިމީހުން އެއް ތަނުން އަނެއް ތަނަށް އުފުލާފައިވެއެވެ.

ކުއްލި ހާލަތުގައި ބަލިމީހުން އެއް ތަނުން އަނެއް ތަނަށް އެންމެ ގިނައިން ގެންގޮސްފައިވަނީ އެމްއެންޑީއެފްގެ ސީ އެމްބިއުލާންސް ބޭނުންކޮށްގެންނެވެ. އެއީ 2259 ފަހަރުއެވެ. ދެން އެންމެ ގިނައިން ބަލިމީހުން އުފުލާފައިވަނީ އަމިއްލަ ފަރާތްތަކުގެ ލޯންޗުތަކުގައެވެ. އެގޮތުން 1083 ފަހަރަކު އަމިއްލަ ލޯންޗުފަހަރުގައި ބަލިމީހުން އުފުލާފައިވެއެވެ.

ދެން އެންމެ ގިނައިން ބަލިމީހުން އުފުލާފައިވަނީ ޝެޑިއުލް ފުލައިޓުތަކުގައެވެ. އެގޮތުން ޝެޑިއުލް ފުލައިޓުތަކުގައި 743 ފަހަރު ބަލިމީހުން އުފުލާފައިވާކަން އާސަންދައިގެ ހިސާބުތަކުން ފެނެއެވެ.

އޭގެ ފަހަށް އެންމެ ގިނައިން ބަލިމީހުން އުފުލާފައިވަނީ ޗާޓަރު ފުލައިޓުތަކުގައެވެ. ޗާޓަރު ފުލައިޓުތަކުގައި 743 ފަހަރެއްގެ މަތިން ބަލިމީހުން އުފުލާފައިވެއެވެ. އަދި ޗާޓާކޮށްގެން ސީ ޕްލޭނުގައި އެއް ފަހަރު ބަލިމީހުން އުފުލާފައިވެއެވެ.
ބަލިމީހުން އުފުލުމަށް ކަމުގައި ބުނެ އިންޑިއާއިން ރާއްޖޭގައި އޮޕަރޭޓުކުރާ ޑޯނިއާ މަތިންދާބޯޓުގައި ބަލިމީހުން އުފުލާފައިވަނީ 92 ފަހަރުކަމަށް އާސަންދައިން ހިއްސާކޮށްފައިވާ ހިސާބުތަކުން ދައްކައެވެ.

އަދި އިންޑިއާއިން ރާއްޖޭގައި އޮޕަރޭޓުކުރާ ހެލިކޮޕްޓަރު ބޭނުންކޮށްގެން ބަލިމީހުން އުފުލާފައިވަނީ އެންމެ 35 ފަހަރުއެވެ.

އެހެންކަމުން ފާއިތުވި އަހަރު ހަދަންޖެހުނު 4384 މެޑިކަލް އިވެކުއޭޝަންތަކުގެ ތެރެއިން ހެލިކަޕްޓަރު ބޭނުންކޮށްގެން ހަދާފައިވަނީ އެންމެ 0.7 އިންސައްތަ އިވެކުއޭޝަނެވެ. އަދި ޑޯނިއާ ބޭނުންކޮށްގެން ހަދާފައިވަނީ %2 އިވެކުއޭޝަނެވެ.

ބަލިމީހުން އެއްތަނުން އެހެނިހެން ތަންތަނަށް އުފުލުމުގައި ހުރި ދަތިތައް ހައްލުކުރެއްވުމަށް އެއާ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. އެ ވައުދުފުޅާ އެއްގޮތަށް މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ މަތިންދާބޯޓެއް އެއާ އެމްބިއުލާންސަކަށް ބަދަލުކޮށް މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޚިދުމަތް އަންނަނީ ދެމުންނެވެ.

އަދި އެއާޕޯޓު ނެތް ރަށްތަކާއި ސަރަހައްދުތަކުން ބަލިމީހުން އުފުލުމަށް ސީޕްލޭނެއް އެއާ އެމްބިއުލާންސަކަށް ބަދަލުކޮށް ޚިދުމަތް ދޭން ވަރަށް އަވަހަށް ފަށާނެކަން ސަރުކާރުންވަނީ އިއުލާނުކޮށްފައެވެ.

އެއާ އެމްބިއުލާންސް ތައާރަފުކުރުމުން އެއާލައިންތަކުގެ ޝެޑިއުލުުގައި ހުންނަ ތާށިކަމުގެ ސަބަބުން ބަލިމީހުން އުފުލުން ލަސްވުމުގެ މައްސަލައަށް ހައްލު ލިބި، މިހާރު ބަލިމީހުން ފަރުވާ ލިބޭނެ ތަންތަނަށް އެކަށީގެންވާ ވަގުތެއްގެ ތެރޭގައި ނުގެންދެވި ކުރިމަތިވާ ތަކުލީފުތަކަށް ލުއި ލިބިގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.

މި ލިއުމާއި ގުޅޭ