ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ގާނޫނުގައިވާ ގޮތަށް ބާއްވަމުން ނުދާތީ ކަންބޮޑުވުން ފާޅުކުރި ފަހުން، މިއަދަށް ތާވަލްކުރި މަޖިލީހުގެ ޖަލްސާއަށް ވެސް ކޯރަމް ހަމަވާވަރަށް މެންބަރުން ހާޒިރު ނުވާތީ ޖަލްސާ ކުރިއަށް ނުގެންދެވި ނިންމާލައިފި އެވެ.
މަޖިލީހުގެ ޖަލްސާ އާންމުކޮށް ފަށާ ގަޑި ކަމުގައިވާ 9:00 ގައި ޖަލްސާ ފައްޓަވަމުން މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ ވިދާޅުވީ، އެވަގުތު މަޖިލީހަށް ވަޑައިގެން ތިއްބެވީ 11 މެންބަރުން ކަމަށެވެ.
އެހެންވެ، ގަވާއިދުގައި ބުނާ އަދަދަށް މެންބަރުން ހަމަނުވާތީ މެންބަރުން ހަމަވޭތޯ ބެލުމަށް މަޑުކޮށްލުމަށްފަހު 9:30 ގައި އަލުން ޖަލްސާ ފަށާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް، 9:40 ވީއިރުވެސް މެންބަރުން ހަމަނުވާތީ މިއަދުގެ ޖަލްސާ ކުރިއަށްގެންދެނެވެން ނެތްކަން އިއުލާންކުރެއްވި އެވެ.
"ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖަލްސާގެ ގާނޫނީ އަދަދު ހަމަނުވާތީ، މިއަދުގެ ޖަލްސާ ފެށެން ނެތް ވާހަކަ ދަންނަވަން،" މެންބަރުން ހަމަވޭތޯ ބައި ގަޑިއިރު މަޑުކުރެއްވުމަށްފަހު، ހަމަނުވުމުން ޖަލްސާ ނިންމަވާލައްވަމުން ރިޔާސަތުގައި އިންނެވި މެންބަރު ގަފޫރު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގައި ޖުމްލަ 87 މެންބަރުން ތިއްބަވާއިރު، ގަވާއިދުގައިވާ ގޮތުން ޖަލްސާއެއް ކުރިއަށްގެންދެވޭނީ މަދުވެގެން 11 މެންބަރުން ހާޒިރުވެގެންނެވެ.
މިއަދަށް އެޖެންޑާކުރި ޖަލްސާ މެންބަރުން ހާޒިރުނުވެގެން ކުރިއަށް ނުގެންދެވުނުއިރު، މަޖިލީހުގެ ޖަލްސާތައް ގަވާއިދުން ބާއްވަން ގޮވާލާ ގަރާރެއް ވެސް މިދިޔަ ހަފްތާގައި އޮތީ ހުށަހަޅާފަ އެވެ.
ޑިމޮކްރެޓްސް އަށް ނިސްބަތްވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް މިދިޔަ ބުދަ ދުވަހު ހުށަހެޅުއްވި އެ ގަރާރުގައި ބުނެފައިވަނީ ގާނޫނުގައި ވާގޮތަށް މަޖިލީހުގެ ޖަލްސާއަށް ހަފްތާއަކު ތިން ދުވަހު ނުބޭއްވޭތީ، މަޖިލީހުގައި ނުނިމިހުރި މަސައްކަތްތައް ފުނިޖެހި، ދައުލަތުގެ ކުރިއެރުމަށް ހުރަސްއެޅިފައިވާ ކަމަށެވެ.