ފެނަކަ ކުންފުނިން އެކި ވިޔަފާރިތަކަށް ދައްކަންޖެހިފައި ހުރި އެތައް ބިލިއަން ރުފިޔާއަށް ދެ އަހަރު ތެރޭގައި ވިޔަފާރިތަކަަށް ދެއްކުމަށް ޕްލޭނެއް އެކުލަވައިލާފައިވާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ މުއާޒު މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
ބ.ކެންދޫ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައްދަލުކުރެއްވުމަށް ބޭއްވެވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުޢާޒު ވިދާޅުވީ ފެނަކައިގެ އޮފީސް އިމާރާތް އެ ކުންފުނިން އިންހައުސްކޮށް އެޅުމަށް ފަށާފައިވާ މަޝްރޫޢުތަކުގެ ތެރެއިން 60 މަޝްރޫޢެއްގެ މަސައްކަތް މަޑުޖެހިފައި އެބައޮތް ކަމަށެވެ. އެ މަޝްރޫޢުތަކަަށް 1 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިތުރަށް އޭނާ ވިދާޅުވީ މި 60 މަޝްރޫޢުތަކުގެ މަސައްކަތް އެވެރެޖުކޮށް ގޮސްފައިވަނީ އެންމެ 45 އިންސައްތައާ ހަމައަށް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. އަދި މިޓްރެންޑުގައި ކުރިއަށްގެންދާނަމަ އެ މަސައްކަތްތައް އެކީގައި ނިންމުމަށް އިތުރު ބިލިއަނެއް ޚަރަދުވާނެކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެ ޕްރޮޖެކްޓުތަކުގެ މަސައްކަތް ކުރިން ކުރަމުންދިޔަ ގޮތަށް ނުކުރަން މިހާރު ނިންމާފައިވާ ކަމަށެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވީ މި މަޝްރޫޢުތައް ހިންގުމަށް ކުރީ ސަރުކާރުގައި ފެނަކައިން މަސައްކަތް ފަށާފައިވަނީ ހިނގާނެ ޚަރަދުގެ އަންދާޒާވެސް ނުހަދައިކަމަށެވެ. 23 މިލިއަން ރުފިޔާއިން ނިންމައިލެވޭ އެތައް އިމާރާތަކަށް 50 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު މަޝްރޫޢުތަކުގެ 60 އިންސައްތަވެސް ނިންމައިނުލެވޭ ކަމަށެވެ.
އިތުރަށް އޭނާ ވިދާޅުވީ މި މަޝްރޫޢުތައް ހިންގުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މެޓީރިއަލް ނެގުމަށްފަހު އެ ވިޔަފާރިތަކަށް ފެނަކައިން ދޭންޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން އެ ވިޔަފާރިތައް ބަނގުރޫޓުވެފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ވަރަށް ގިނަ ވިޔަފާރި ކުންފުނިތައް ބަނގުރޫޓުވެއްޖެ ފެނަކައިން ލިބެންޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން. އެއްކަލަ ޕްރޮޖެކްޓުތަކަަށް ނެގި މެޓީރިއަލްތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ. ފައިސާ ނުދީހުރީ. އެއްކަލަ ދަރަނީގެ ތެރެއަށް އިތުރުވީ،"
މިފަދައިން ވިޔަފާރިތަކަަށް ގިނަ އަދަދެއްގެ ފައިސާ ނުދައްކައި ހުރުމަކީ ކުރީގެ ސަރުކާރާއި ފެނަކައިގެ ކުރީގެ މެނޭޖުމެންޓުން ވެފައިވާ ވަރަށް ބޮޑު އިހުމާލެއް އަދި ޚިޔާނާތެއް ކަމުގައި މުއާޒު ވިދާޅުވިއެވެ.
އިތުރަށް އޭނާ ވިދާޅުވީ ގިނަ އަދަދެއްގެ ވިޔަފާރިތައް އެ ފައިސާ ނުލިބިގެން ފެނަކަ ފަހަތުން "ދުވަމުންދާ" ކަމަށެވެ. ނަމަވެސް އެ ފައިސާ އެއްފަހަރާ ދެއްކުމުގެ ޤާބިލުކަމެއް ފެނަކައިގެ ކިބައިގައި ނެތްކަން ފާހަގަކުރައްވައި މުއާޒު ވިދާޅުވީ ކޮންމެ ކުންފުންޏަކަށް ފައިސާ ދެވޭނެ މިންވަރު ކަނޑައަޅައިގެން ދެ އަހަރު ތެރޭގައި ކުންފުނިތަކަށް ފައިސާ ދެވޭނެ ގޮތުގެ ޕްލޭނެއް އެކުލަވައިލަމުންދާ ކަމަށެވެ.