މ.މުލަކު ހޭޅިފަށުގައި ފޮރުވާފައި ހުރި ބަނގުރާ ފުޅިތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން މިއަދު ބުނީ މުލަކަށް ބަނގުރާ އެތެރެކުރާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން މުލަކުގައި އޮޕަރޭޝަނެއްގައި ބަނގުރާ ފުޅިތަކެއް ހޯދާފައިވާ ކަމަށެވެ.
މުލަކު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ފެބުރުވަރީ 29 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި އެ ރަށު ބަނދަރާދިމާ ހޭޅިފަށް ބަލައިފާސްކުރިއިރު ފޮށިގަނޑެއްގައި ފޮރުވާފައި ހުރި 19 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި މުލަކު ޕޮލިސް ސްޓޭޝަނުން މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
2023 ޑިސެންބަރު 26 އިން މި އަހަރުގެ ޖަނަވަރީ މަހުގެ 27 ވަނަ ދުވަހާ ހަމައަށް ކޫއްޑޫ އެއާޕޯޓުން ފުރަންދިޔަ ފަތުުރުވެރިންގެ އަތުން ހިފެހެއްޓި 190 ފުޅި ބަނގުރަލާއި 67 ދަޅު ބިޔަރު ދަޅު އިއްޔެ ނައްތާލައިފައިވާ ކަމަށް ވެސް ފުލުހުން މިއަދު ވަނީ ބުނެފައެވެ.