ދިވެހިރާއްޖޭގެ "އީއީޒެޑް" އަކީ އިންޑިއާގެ ވެސް ސަރަހައްދެއްކަމަށް ކުރީގެ އެމްޑީޕީ ސަރުކާރުގެ ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.
މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަންކުރަން އުޅުނު ރާއްޖޭގޭ 3 މަސްދޯންޏަކަށް އިންޑިއާގެ ސިފައިން އެރި އެރުމަށް އިޝާރާތްކުރައްވައި މާރިޔާ ވިދާޅުވީ "އެއީ އެމީހުންގެވެސް ސަރަހައްދު އަދި އަހަރެމެންގެ ވެސް ސަރަހައްދު" ކަމުގައެވެ.
"އަޅުގަނޑުމެން ޒަމާނުއްސުރެ އެމީހުން ގުޅޭނެ ބައެއް އިންނާނެ ކަމެއް ޖެހިއްޖެއްޔާ. ދެފަރާތުގެ ގުޅޭނެ މީހެއް އިންނާނެ. އެމީހާ އެދީފަ ނެތީމަ، އެގުޅާ ގުޅާ އެ ގުޅާ އެއްޗަކުން ފޯނެއް ނުނެގީމަ، އޭގެ ތެރޭގަ އެމީހުންނަށް އެހިސާބުގަނޑުގަ ޝައްކު ކުރެވޭ ކަހަލަ ކަންކަމެއް ހިނގާ ކަމަށް ދެކި، އެމީހުން އަރާ ބަލަން ބޭނުންވީ ދެން ކިހިންތެތޯ ހަދާނީ. އެއީ އެމީހުންގެވެސް ސަރަހައްދު އަހަރެމެންގެ ވެސް ސަރަހައްދު," މާރިޔާ ވިދާޅުވިއެވެ.
މާރިޔާ މިފަދައިން ވިދާޅުވީކަމުގައި ވިޔަސް, ދިވެހިރާއްޖޭގެ ދިފާޢީ ބާރުން ވަނީ އިންޑިއާ ސިފައިން އެރި މަސްދޯނިތައް ހަރަކާތްތެރި ވެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިކަން ކަށަވަރުކޮށްދެއްވާފައެވެ. މީގެ އިތުރުން މަސްވެރިކަމާއި ބެހޭ ވުޒާރާގެ ވަޒީރު އަހުމަދު ޝިޔާމްވެސް ވަނީ އެކަން ޔަޤީންކޮށްދެއްވާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރ މީކާއީލް ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ޝިޔާމް ވިދާޅުވީ, "ވެސަލް މޮނިޓަރިންގ ސިސްޓަމުން ބަލާއިރު ފާއިތުވި އެއްމަސް ދުވަހުގެ މޫވްމެންޓަށް ބަލާއިރު މި ދޯނިތަކުގެ ހަރަކާތްތައް މިހުރީ ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގެ ތެރޭގައި" ކަމަށެވެ.
ދޯނިތަކަށް އިންޑިއާ ސިފައިން އެރުމާ ގުޅިގެން ދިވެހި ސަރުކާރުންވަނީ ރާއްޖޭގެ އެއްވެސް އިދާރާއަކަށް އެންގުމަކާ ނުލައި ރާއްޖޭގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދަށް ވަދެ ދިވެހި މަސްދޯނިތަކަށް އިންޑިއާ ސިފައިން އެރި ސަބަބު ލިޔުމުން ބުނެދޭން އިންޑިއާގައި އެދިފައެވެ. ނަމަވެސް އިންޑިއާ އިންވަނީ އެއެދުމަށް ބީރު ކަންފަތެއް ދީފައެވެ.
ރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ''އަސުރުމާ 3'' އާއި ''ނިރު 7'' އާއި ''މާހޯރަ 3'' ދޯންޏަށް އިންޑިއާ ސިފައިން އެރީ މި ހުސްވި ޖަނަވަރީ 31 ގައެވެ. އޭގެފަހުން ފެބްރުއަރީ 1 ވަނަ ދުވަހުގެރޭ މާހޯރަ ދޯންޏަށް ދެވަނަ ފަހަރަކަށް ވަނީ އަރައިފައެވެ.