ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަލަށް ތައާރަފުކުރި އެއަރ އެމްބިއުލާންސްގެ ޚިދުމަތާއެކު ރައްޔިތުންގެ ހިތްތަކަށް ފިނިކަން ގެނެސްދީފި ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ވަޒީރު އާދަމް ޝަރީފް މިހެން ވިދާޅުވީ ރައީސް ޑރ.މުޢިއްޒު މިހާރު މާޅޮސްމަޑުލަށް ކުރައްވާ ދަތުރުފުޅުގައި ރ.މީދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
މީގެކުރިން އަތޮޅުތަކުން ހާލުބޮޑު ބަލިމީހުން ތަންތަނަށް އުފުލުމުގައި އެކަށީގެންވާ ނިޒާމެއް ގާއިމުކުރެވިފައި ނެތްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ބަލިމީހުން އުުފުލުމުގައި އޭރު ލަސްވާ ލަސްވުމަކީ ރައްޔިތުންނަށް އެތައް ތަކުލީފަކާއި ހިތްދަތިކަމެއް އިހުސާސްކުރުވި ކަމެއް ކަމުގައެވެ.
މިކަން ފާހަގަކުރައްވައި ވަޒީރު ވަނީ ވޭތުވެދިޔަ ތަނުގައި ހިތާމަވެރި އެތައް ހާދިސާއެއް ކުރިމަތިވެ ރައްޔިތުންނަށް ހިތްދަތިކަން ގެނުވި ހާލަތްތަކުގެ މައްޗަށް އަލިއަޅުވައިލައްވައިފައެވެ.
ނަމަވެސް މި ސަރުކާރުން އަލަށް ތައާރަފުކުރި އެއަރ އެމްބިއުލާންސްގެ ޚިދުމަތާއެކު ރައްޔިތުންގެ ހިތްތަކަށް ފިނިކަން ގެނެސްދީފިކަމަށް ވަޒީރު ވިދާޅުވިއެވެ.
''މިވީ ކުޑަ މުއްދަތުގެތެރޭގައި އެއަރ އެމްބިއުލާންސް ތައާރަފުކުރައްވައި ރައްޔިތުންގެ ހިތްތަކަށް ބޮޑު ފިނިކަމެއް ރައީސް އެ ގެނެސްދެއްވީ''
ވަޒީރުގެ ވާހަކަފުޅުގައި ވަނީ ލޯކަލް ކައުންސިލުތައް ބާރުވެރިކުރުވުމަށް ސަރުކާރުން ތަންފީޒު ކުރަމުންދާ ސިޔާސަތަކުގެ މައްޗަށް ވެސް އަލިއަޅުވައިލައްވައިފައެވެ.
އެގޮތުން 50 ކައުންސިލު އިދާރާއެއްގެ އިމާރާތްތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ރައީސް ވިދާޅުވެފައިވާ ވާހަކައާއި ކައުންސިލުތަކަށް އާމްދަނީ ލިބޭނެ ގޮތަށް ފަޅުރަށް ދޫކުރުމަށް ނިންމާފައިވާ ނިންމުމުގެ ވާހަަކަ ފާހަގަކުރެއްވިއެވެ.