Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޣައްޒާ

އިސްރާއީލް ސިފައިންގެ ހަމަލާތަކެއްގައި އެގައުމުގެ އަސީރުންގެ އިތުރު ހަތް މީހުން މަރުވެއްޖެ

އިސްރާއީލް ސިފައިންގެ ހަމަލާތަކެއްގައި، ހަމާސްއިން ހިފަހައްޓާފައިވާ އިސްރާއީލް އަސީރުންގެ ތެރެއިން އިތުރު ހަތް މީހުން މަރުވެއްޖެ ކަމަށް ހަމާސްއިން ބުނެފިއެވެ.

ޙަމާސްގެ ހަތިޔާރު އެޅި ގޮފި ޢިއްޒުއްދީން އަލްޤައްސާމް ބްރިގޭޑްސްގެ ތަރުޖަމާނު އަބޫ ޢުބައިދާ ވިދާޅުވީ އެ ހަތްމީހުންވެސް މަރުވީ އިސްރާއީލްގެ ހަމަލާތަކުން ކަމަށެވެ.

އެ ޖަމާޢަތުން ރަހީނު ކޮށްފައިވާ ޔަހޫދީ އަސީރުންގެ ތެރެއިން ހަތް މީހުން މަރުވެފައިވާ ކަމުގައި ބުނި ނަމަވެސް އެ މީހުން މަރުވެފައި ވަނީ ކޮން ދުވަހަކު ޔަހޫދީ ފައުޖުން ދިން ޙަމަލާތަކެއްގައި ކަމެއް ސާފެއް ނޫނެވެ. ޙަމާސުން އެ މަޢުލޫމާތު ޙިއްޞާކޮށްފައެއް ނުވެއެވެ.
މީގެ ކުރިން ވެސް ޔަހޫދީ ފައުޖުން ވަނީ ޣައްޒާއަށް ބޮން އަޅައި އަސީރުންގެ ތެރެއިން ބައެއް މީހުން މަރައިލާފައެވެ. އަބޫ ޢުބައިދާ ވިދާޅުވީ, އެންމެ ފަހުން މަރުވި ހަތް މީހުންނާ އެކު, ޔަހޫދީންގެ ޢުދުވާނުގައި މަރުވެފައިވާ އަސީރުންގެ ޖުމުލަ ޢަދަދު 70 އަށް އުފުލިފައިވާ ކަމުގައެވެ. އޮކްޓޫބަރު 7 ވަނަ ދުވަހު ޙަމާސުން ޔަހޫދީންގެ ރަށްތަކަށް އަރައި ހިންގި އަސްކަރީ ޙަރަކާތުގައި ޔަހޫދީންގެ 250އެއްހާ މީހުން ރަހީނު ކޮށްގެން ޣައްޒާއަށް ގެންދިޔައެވެ. ޙަމާސްގެ އަސްކަރީ ޙަރަކާތުގައި ޔަހޫދީންގެ 1,139 މީހުން ވަނީ މަރުވެފައެވެ.
ޔަހޫދީންނާއި ޙަމާސްގެ މުޖާހިދުންނާ ދެމެދު އެކުލަވާލި އެއްބަސްވުމެއްގެ ދަށުން އަސީރުންގެ ތެރެއިން 100 އެއްހާ މީހުން މީގެ ކުރިން ވަނީ މިނިވަން ކޮށްފައެެވެ. އޭގެ ބަދަލުގައި ޔަހޫދީން ވެސް ވަނީ, ޔަހޫދީ ޖަލުތަކުގައި ހައްޔަރު ކޮށްފައިވާ ފަލަސްޠީނުގެ 240 ވަރަކަށް މީހުން މިނިވަން ކޮށްފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 30,328އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 71,377އަށް އަރައެވެ.

އިސްރާއީލުން ވަނީ ޣައްޒާގެ އާބާދީ، ހާއްސަކޮށް ޣައްޒާގެ އުތުރުގެ ރައްޔިތުން ބަނޑަށް ޖައްސައި، ޣައްޒާއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކޮށްފައެވެ.

އިސްރާއީލު ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުން ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހުގެ ދަތިކަން ބޮޑުވެ ގެދޮރު ދޫކޮށް ގޮސްފައިވާއިރު، އެންކްލޭވްގެ އުމްރާނީ ވަސީލަތްތަކުގެ 60 އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭވަރުވެފައި ކަމަށް އދ.އިން ބުނެއެވެ.

ބައިނަލްއަގްވާމީ ކޯޓް އޮފް ޖަސްޓިސްގައި އިސްރާއީލުގެ މައްޗަށް ވަނީ ޖަރީމާހިންގުމުގެ ތުހުމަތުކޮށްފައެވެ. މިދިޔަ ޖެނުއަރީ މަހު އެކޯޓުން ނެރުނު ވަގުތީ ހުކުމެއްގައި ވަނީ ޣައްޒާގައި ދިރިއުޅޭ އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޖިނާއީ އަމަލުތައް ހުއްޓާލައި ފިޔަވަޅުތައް އެޅުމަށް ތެލްއަވީވްއަށް އަންގާފައެވެ.

މި ލިއުމާއި ގުޅޭ