މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 30،320 އަށް އަރައިފިއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން އެންމެ ފަހުން އާންމު ކުރި މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ އޮކްޓޯބަރު 7 އިން ފެށިގެން ދޭން ފެށި ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު 71,533 އަށް އަރައެވެ. އޭގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 91 މީހުން ޝަހީދުވެ، 156 މީހުން ޒަހަމްވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ. އިސްރާއީލްގެ ހަމަލާތައް ދޭން ފެށި ފަހުން މިހާތަނަށް އައިއިރު، 12،300 ކުޑަކުދިން ވަނީ ޝަހީދުކޮށްލައިފައެވެ.
މިހާތަނަށް ހޯދުނު މައުލޫމާތުތަކުގެ އަލީގައި 8،000 އަށް ވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ. ބެލެވޭ ގޮތުގައި އެމީހުން ވަނީ އިމާރާތްތަކުގެ ދަށުވެފައެވެ. އެމީހުންގެ ފުރާނަ ސަލާމަތް ކުރުމަކީ މިހާރު ނާދިރު ކަމެކެވެ.
ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިސްރާއީލުން ހިންގަމުން ގެންދާ ޖަރީމާތަކުގައި މިހާތަނަށް އައިއިރު 417 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި 108 ކުޑަކުދިން ހިމެނެއެވެ. އަދި 4،600 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްކޮށްލައިފައެވެ.
ހަމާސް އިން ދިން ހަމަލާތަކުގައި 1،139 މީހުން މަރާލައި، 8،730 މީހުން ވަނީ ޒަހަމްކޮށްލައިފައެވެ.
އިސްރާއީލުން ވަނީ ޣައްޒާގެ އާބާދީ، ހާއްސަކޮށް ޣައްޒާގެ އުތުރުގެ ރައްޔިތުން ބަނޑަށް ޖައްސައި، ޣައްޒާއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކޮށްފައެވެ.
އިސްރާއީލު ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުން ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހުގެ ދަތިކަން ބޮޑުވެ ގެދޮރު ދޫކޮށް ގޮސްފައިވާއިރު، އެންކްލޭވްގެ އުމްރާނީ ވަސީލަތްތަކުގެ 60 އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭވަރުވެފައި ކަމަށް އދ.އިން ބުނެއެވެ.
ބައިނަލްއަގްވާމީ ކޯޓް އޮފް ޖަސްޓިސްގައި އިސްރާއީލުގެ މައްޗަށް ވަނީ ޖަރީމާހިންގުމުގެ ތުހުމަތުކޮށްފައެވެ. މިދިޔަ ޖެނުއަރީ މަހު އެކޯޓުން ނެރުނު ވަގުތީ ހުކުމެއްގައި ވަނީ ޣައްޒާގައި ދިރިއުޅޭ އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޖިނާއީ އަމަލުތައް ހުއްޓާލައި ފިޔަވަޅުތައް އެޅުމަށް ތެލްއަވީވްއަށް އަންގާފައެވެ.