ޔަމަނުގެ ހޫތީން ހަމަލާދީ "ރޫބީމާރު" ނަމަކަށް ކިޔައި އިނގިރޭސިވިލާތުގެއާގުބޯޓެއް ފައްތާލައިފިއެވެ.
ޣައްޒާގައި އިސްރާއީލުން ކުރަމުން ގެންދާ ހަނގުރާމައާއި ދެކޮޅު ހެދުމުގެ ގޮތުން ހޫތީން ގެންދަނީ މިދިޔަ ނޮވެމްބަރު މަހުގެ މެދު ތެރެއިން ފެށިގެން ރަތް ކަނޑުގައި ދަތުރު ކުރަމުންދާ މުދާ އުފުލާ ބޯޓު ފަހަރަށް ހަމަލާ ދެމުންނެވެ. ހޫތީން ބުނަމުންދަނީ ހަމަލާ ދެނީ އިސްރާއީލާއި ގުޅުން ހުރި އަދި އިސްރާއީލަށް ވާގިވެެރިވާ ގައުމުތަކުގެ ބޯޓުފަހަރަށް ކަމަށެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ރަތް ކަނޑު ކައިރީގައި އޮންނަ ބާބް އަލް މަންޑެބް ކަނޑުއޮޅިއަށް ދިން ހަމަލާއަށް ފަހު ބެލީޒް ދިދަ ޖަހާފައިވާ ރޫބީމާރު އާގުބޯޓު އޮޔާ ގޮސްފައި ވަނީ އުތުރަށް ކަމަށް އަލްޖަޒީރާއިން ބުނެފައި ވެއެވެ.
އަދި އެ ބޯޓުން ދަތުރު ކުރި 24 ފަޅުވެރިއަކަށް އެ ބޯޓު ދޫކޮށްލަން މަޖުބޫރުވިއިރު، އޭގައި ތިބި މީހުން ސަލާމަތް ކޮށްފައި ވަނީ ޖިބޫޓީ ޕޯޓް އޮތޯރިޓީން ކަމަށްވެސް ބުނެފައި ވެއެވެ.
ޔަމަނުގެ ސަރުކާރުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ މަހު ހަމަލާދިން ރޫބީމާރު މުދާ އުފުލާ ބޯޓު އަޑިއަށް ގޮސްފައިވަނީ ދެކުނު ރަތް ކަނޑުން ކަމަށެވެ.
މިއީ މިދިޔަ ނޮވެމްބަރު މަހު ހޫތީ ހަނގުރާމަވެރިން ވިޔަފާރި އުޅަނދުތަކަށް ހަމަލާތައް އަމާޒުކުރަން ފެށި ފަހުން މިފަދަބޮޑު ގެއްލުމެއް ލިބުނު ފުރަތަމަ އުޅަނދެވެ.
ސަރުކާރުގެ ބަޔާނުގައި ބުނެފައިވަނީ ހުކުރު ދުވަހުގެ ރޭ އެ ބޯޓު އަޑިއަށް ގޮސްފައިވާ ކަމަށާއި ތިމާވެށީގެ ކާރިސާއެއް ހިނގައިދާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ.
އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން މީގެ ކުރިން ބުނެފައި ވަނީ އެ ބޯޓަށް ހަމަލާ ދިން އިރު އެ ބޯޓުގައި ހުރީ 41،000 ޓަނަށް ވުރެ ގިނަ ފާޓިލައިޒާ ކަމަށެވެ.
އެ ބޯޓު އަޑިއަށް ދިޔަކަން ކަށަވަރުކޮށްދިނުމަށް އެމެރިކާގެ ކަނޑުގެ ސިފައިންގެ ފިފްތް ފްލީޓުގައި އެދުމުން ވެސް ޖަވާބެއް ދީފައެއް ނުވާ ކަަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ޔަމަނުގެ ބައެއް ސަރަހައްދުތައް ޔަމަނުގެ ސަރުކާރުން ކޮންޓްރޯލް ކުރާއިރު، ވެރިރަށް ސަނާގެ އިތުރުން އެހެން ސަރަހައްދުތައް ހޫތީން ކޮންޓްރޯލް ކުރެއެވެ.
ހޫތީން ބުނަމުން ދަނީ އެ ބޯޓު އަޑިއަށް ދިޔައީ މިދިޔަ ހަފުތާގައި ކަމަށެވެ.