Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

މިހާރު އޮތް މަޖިލީހުން ވައުދުތައް ފުއްދަން ޖާގަދޭން ބޭނުންނުވޭ، ބަޖެޓު ފާސްކުރީ ދަތިކުރެވެން ހުރި ގޮތަކަށް ދަތިކޮށްފައި: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމަށް ޖާގަދިނުމަށް މިހާރު އޮތް ރައްޔިތުންގެ މަޖިލީހުން ބޭނުންނުވާކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރ.މީދޫ ރައްޔިތުންނާ ބައްދަލުކުރައްވައި މިރޭ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެމަނިކުފާނު އިންތިޚާބުވެވަޑައިގެން މި އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އެމަނިކުފާނުގެ ވައުދުތައް ފުއްދެވުމަށް ބޭނުންފުޅުވާ ފައިސާ ހިމެނުއްވުމަށް ލިބިވަޑައިގެންނެވި 10 ވަރަކަށް ދުވަހުގެ ތެރޭގައި ހުށަހެޅުއްވި ކަމަށެވެ.

ނަމަވެސް މިހާރު އޮތް މަޖިލީހުން އެކަމުގައި އަމަލުކުރި ގޮތް ތަފުސީލުކޮށް ވިދާޅުވެދެއްވަމުން ރައީސް ފާހަގަކުރެއްވީ ބަޖެޓު އެކުލަވައިލުމުގައި އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދެވުމަށް އެކަށީގެންވާ ފުރުސަތު މަޖިލީހުން ނުދިން ކަމެވެ.

" ވައުދުވީ ކަންކަން ކުރެވޭ މިންވަރަށް ބަޖެޓު ކޮމިޓީގެ ތެރެއިން ފުރުސަތެއް ނުދީ. ނިންމުމަށް ބޭނުންވާނެ މިންވަރާ ގާތަށް ފައިސާ ނުދޭ،"

އެގޮތުން ބިން ހިއްކުމުގެ ބައެއް މަޝްރޫޢުތައް 50 މިލިއަނެއްހައި ރުފިޔާ ޚަރަދުވާއިރު ބަޖެޓުގައި ހިމަނާފައިވަނީ ވަރަށް ކުޑަ އަދަދުތަކެއްކަމުގައި ރައީސް ވިދާޅުވިއެވެ. އެގޮތުން ބިން ހިއްކުމުގެ މަޝްރޫޢުތަކަށް އެންމެ މަދުވެގެން 50 މިލިއަނެއްހައި ރުފިޔާ އެންމެ ކުޑަވެގެން ބޭނުންވާނެކަން ރައީސް ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެފަދަ ކަންކަމަށް ކުދި އަދަދުތަކެއް ހިމެނީ ދަތިކުރުމަށް ކަމަށެވެ.

"މިހާރު އޮތް ރައްޔިތުންގެ މަޖިލީހަކުން ވައުދުތައް ފުއްދަން ޖާގަދޭން ބޭނުންނުވޭ. އެހެންވީމާ ދަތިކުރެވެން އޮތް ގޮތަކަށް ދަތިކޮށްފައި ބަޖެޓު ފާސްކުރީ،" ރައީސް ވިދާޅުވިއެވެ.

އިތުރަށް އެމަނިކުފާނު ވިދާޅުވީ މިހާރު ސަރުކާރުން މަސައްކަތްކުރަމުންދަނީ މިފަދައިން ކުރިމަތިކޮށްފައިހުރި ހުރިހާ ދަތިތަކުން އަރައިގަނެ، ވައުދުފުޅުތައް ފުއްދެވޭނެ މަގުތައް ފަހިކުރުމަށް ކަމަށެވެ. އެގޮތުން ދައުލަތުގެ 120 ބިލިއަން ރުފިޔާގެ ދަރަނި އަދާކުރުމާއެކު ސަރުކާރުން ރައްޔިތުންނަށް ދައްކަންޖެހިފައިހުރި 9 ބިލިއަން ރުފިޔާގެ ބިލުތައް ދެއްކުމުގެ މަސައްކަތް އެމަނިކުފާނުގެ ސަރުކާރުން ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ރ.މީދޫއަށް ވެވަޑައިގެންނެވި ވައުދުތަކަށް އަލިއަޅުވައިލައްވައި ރައީސް ވިދާޅުވީ މީދޫ ބިންހިއްކުމުގެ މަޝްރޫޢު ފެށުމަށް ބޭނުންވާ މިންވަރަށް ބަޖެޓުގައި ފައިސާ ހިމަނާފައި ނެތްނަމަވެސް މިއަހަރުގެ ތެރޭގައި އެ މަޝްރޫޢު ފައްޓަވާނެ ކަމަށެވެ. އެގޮތުން އެ ރަށަކީ ބިމުގެ ދަތިކަން ބޮޑުވެފައި އޮތް ރަށެއްކަމަށާއި، އެ ރަށުގައި ބިން އިތުރުކުރަންވެސް މާ ބޮޑު ޖާގައެއް ނެތްނަމަވެސް ބިން ހިއްކެން އޮތް އެންމެ ބޮޑު މިންވަރަކަށް ބިން ހިއްކަވާނެ ކަމުގައި ވިދާޅުވިއެވެ.

އޭގެ އިތުރަށް އެ ރަށުގައި ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް ޤާއިމުކުރައްވާނެކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މިހާރު އެ ރަށުގެ ބަނދަރަށް 300 ފޫޓު އިތުރުކުރާ ގޮތަށް އޮތް އޮތުން ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ބަދަލުކުރައްވައި އެ ރަށުގެ ބަނދަރު 500 ފޫޓުން އިތުރުކުރައްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.

އަދި މީދޫގައި ދީނީ ކުލާސްތައް ހިންގުމަށް ބޭނުންވާ ޖާގަތައް އެކުލެވޭ ގޮތަށް އިސްލާމީ މަރުކަޒެއްގެ ޝަރުތުތައް ފުރިހަމަވާ މިސްކިތެއް ޤާއިމުކުރުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން މިހާރުވެސް ފަށާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ މަސައްކަތްވެސް މި ދައުރުގައި ނިންމަވާނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ވެރިކަމުގެ ފުރަތަމަަ 100 ދުވަހުގެ ތެރޭގައި ސަރުކާރުން ކުރި މަސައްކަތަކީ ރަށްރަށުގައި ކުރަންހުރި މިފަދަ މަސައްކަތްތަކަށާއި، ފަށައި ނުނިމި މަޑުޖެހިފައިހުރި މަސައްކަތްތައް އަލުން ހަލުއިކޮށް ފަށައިގަނެ ކުރިއަށްގެންދިއުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ.

އެގޮތުން ކުރިން ހަވާލުކޮށް ފަށާފައި ހުރި ބައެއް މަސައްކަތްތަކަށް ފައިސާ ނުދީ ހުރުމުން މަޑުޖެހިފައިވަނިކޮށް ކޮންޓްރެކްޓަރުންނަށް ފައިސާދީ ރަށްރަށަށް މޯބަލައިޒްކޮށް މަސައްކަތްތައް އަލުން ފަށައިގެން މިހާރު ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ.

މި ލިއުމާއި ގުޅޭ