Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލޯކަލް ކައުންސިލުތައް

ކައުންސިލުތަކަށް ރަށްތައް ދޫކުރާ މުއްދަތު 10 އަހަރުން 25 އަހަރަށް އިތުރުކުރަނީ

ރަށު ކައުންސިލުތަކަށް ފަޅުރަށްތައް ދޫކުރަން ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން މިހާރު ރަށްތައް ދޫކުރަ މުއްދަތުކަމަށްވާ 10 އަހަރު 25 އަހަރަށް ބަދަލުކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރ.އަތޮޅަށާއި ބ.އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރ.މީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ލޯކަލް ކައުންސިލުތައް ބާރުވެރިކޮށް އިޤުތިޞާދީ ފުދުންތެރިކަން ކައުންސިލުތަކަށް ހާސިލުކޮށްދިނުމުގެ ގޮތުން ކައުންސިލުތަކަށް އިޚުތިޞާޞުގެ ތެރެއިންވެސް އަދި އިޚުތިޞާޞުގެ ބޭރުންވެސް ފަޅުރަށްތައް ހޯދުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އަދި ކައުންސިލުތަކަށް ދޫކުރާނެ ރަށްތަކުގެ ލިސްޓެއް އެކުލަވައިލާ މިހާރު ގެޒެޓުކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ފުރަތަމަ 24 ވަރަކަށް ރަށް ގެޒެޓުކުރަންޖެހުނީ ކުރީ ސަރުކާރުން ގިނަ އަދަދެއްގެ ރަށްތަކާ ގުޅޭ ޤާނޫނީ މުއާމަލާތްތަކެއް ފަށާފައިވާތީ އެފަދަ ރަށްތައް ގެޒެޓުކުރެއްވުމަށް ބޭނުންފުޅުނުވާތީ ކަމަށެވެ.

ނަމަވެސް ކުރިއަށް އޮތް ތަނުގައި އިތުރު ރަށްތައް ކައުންސިލުތަކަށް ދޫކުރުމަށް ގެޒެޓުކުރައްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. "އެއަށްވުރެ މާގިނަ ރަށްތައް ގެޒެޓުކުރާނަން. ކައުންސިލުތަކަށް މަދުނުވާ ވަރަށް ރަށްތައް ގެޒެޓުކުރާނަން،"

ކައުންސިލުތަކަށް ރަށްތައް ދޫކުރެއްވުމުގެ މަޤުޞަދަކީ ލޯކަލް ކައުންސިލުތަކަށް އަދި އެ ކައުންސިލުތައް ނިސްބަތްވާ ރަށްތަކުގެ ރައްޔިތުންނަށް އާމްދަނީ އިތުރުވާނެ ގޮތްތައް ތަނަވަސްކޮށްދެއްވުން ކަމަށެވެ.

އޭގެ އިތުރަށް އެމަނިކުފާނު ވިދާޅުވީ މިހާރު އާންމުކޮށްފައިވާ އުސޫލުގެ ދަށުން ކައުންސިލުތަކަށް ރަށްތައް ދޫކުރަނީ 10 އަހަރުގެ މުއްދަތަކަށް ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި ކައުންސިލުތަކަށް ރަށްތައް ދޫކުރާ މުއްދަތު އިތުރުކުރައްވަން ބޭނުންފުޅުވާތީ އެކަމުގެ އިރުޝާދު މިހާރު ދެއްވާފައިވާކަމަށާއި އެކަމުގެ ޤާނޫނީ މަސައްކަތް ރައީސް އޮފީހުގެ ޤާނޫނީ ޓީމުން ކުރަމުންދާ ކަމަށެވެ.

"މިހާރު އުސޫލުގައި އޮތީ ރަށްތައް 10 އަހަރަށް ދޫކުރަން. އެ މުއްދަތު 25 އަހަރަށް އިތުރުކުރާނަން. އެ މަސައްކަތް މިހާރު ރައީސް އޮފީހުގެ ޤާނޫނީ ޓީމުންދަނީ ކުރަމުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ސަރުކާރުން ކައުންސިލުތަކަށް ދެމުންދަނީ ވަރަށް ފުޅާ ފުރުސަތެކެވެ.

މި ލިއުމާއި ގުޅޭ