ރަށްރަށުގެ ތަރައްޤީގެ ކަންކަން ކުރިއަށް ގެންދާންވާނީ ރައްޔިތުން އެދޭގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ރ.ވާދޫ ކައުންސިލާ އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު އަލިފުށީގައި ބޭއްވެވި ބައްދަކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ވާދޫ ކައުންސިލުގެ މެންބަރުން، ވާދޫގެ ތަރައްޤީއަށް މިވަގުތު އެންމެ މުހިންމު ކަންކަމުގެ ގޮތުގައި ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމާއި ރަށުގެ ކުނިކޮށި އެހެން ސަރަޙައްދަކަށް ބަދަލުކުރުމާއި ބަނދަރު ތަރައްޤީކުރުން ހިމެނެއެވެ.
މީގެ އިތުރުން ވީހާވެސް އަވަހަށް ވާދޫން ގޯތި ދޫކުރެވޭނެ ގޮތް ވެގެންދިއުމުގެ މުހިންމުކަން ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވިއެވެ. އަދި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތް ހުއްޓިފައި އޮތުމުން އޭގެ ކަންބޮޑުވުން ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވެސް ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި އަދި މިނޫންވެސް ރަށުގެ ތަރައްޤީއަށް މުހިންމުކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިވެރިވެވަޑައިގެންނެވި ސަރުކާރުގެ ވަޒީރުން މެދުވެރިކުރައްވައި ވާދޫގެ ކުނިކޮށި އެހެން ސަރަޙައްދަކަށް ބަދަލުކުރުމަށް ކުރަންޖެހޭ އިންތިޒާމުތައް ކުރެއްވުމަށް އެދިވަޑައިގެންފައެވެ.