އާދީއްތަ ދުވަހު ވޯޓު ލާން ނިންމީ ގާނޫނުގައިވާ ތާރީހަށް އައު މެންބަރުން ނުހޮވިދާނެތީކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
އެބޭފުޅާ މިހެން ވިދާޅުވީ، މިފަހަރުގެ ވޯޓުލުން ހޮނިހިރު ދުވަހު ނުބާއްވަ އާދީއްތަ ދުވަހަކު ބާއްވަނީ ކީއްވެތޯ ފަރާތަކުން ސުވާލުކުރުމުން، އެ ސުވާލަށް ޖަވާބުދާރީވެ މިއަދު އެކްސްއަށް ކުރެއްވި ޕޯސްޓަކުއެވެ.
ފުއާދު އެކްސްގައި ލިޔުއްވީ، މިފަހަރުގެ ވޯޓުލުން އާދީއްތަ ދުވަހަކަށް ހެދި ސަބަބަކީ، 21 އޭޕްރިލް އަކީ ރޯދަމަސް ނިމިގެން 10 ދުވަސް ދިނުމަށްފަހު ލިބޭ ފުރަތަމަ ދުވަސް ކަމަށްވާތީކަމަށެވެ.
އެބޭފުޅާ އިތުރަށް ވިދާޅުވީ، ވޯޓު ލާ ތާރީހު އިތުރަށް ލަސްކޮށްފި ނަމަ ގާނޫނާ ހިލާފުވެދާނެކަމަށެވެ. ގާނޫނުގައިވާގޮތުން މަޖިލީހުގެ މެންބަރުންގެ ދައުރު ހަމަވުމުގެ 1 މަސް ކުރިން އައު މެންބަރުން އިންތިހާބު ކުރެވެންވާނެކަމަށެވެ. އެހެންކަމުން، އިތުރަށް ދުވަސް ފަސްކޮށްފިނަމަ، ގާނޫނުގައި ބުނާ ތާރީހަށް އައު މެންބަރުން ނުހޮވިދާނެކަމުގެ ބިރު އޮތްކަން އެބޭފުޅާ ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ވޯޓުލުން ލަސްކުރުމަށް އިފިކޮޅުގެ އެތައް ފަރާތަކުން މަސައްކަތް ކުރަމުން ގެންދެއެވެ. ގިނަ ބަޔަކު ދެކޭގޮތުގައި އޭގެ މަގްސަދަކީ، އައު ވޯޓުން މަޖިލީހުގެ މެޖޯރިޓީ ގެއްލިދާނެކަމުގެ ބިރު އިދިކޮޅު ޕާޓީ އެމްޑީޕީއަށް އޮތުމުންނެވެ.