ހުޅުމާލޭ ފަރުކޮޅުފުށި ސަރަހައްދުގައި ކެޓް ޝެލްޓަރ އެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން މާލޭ ސިޓީ ކައުންސިލުން އިއުލާނު ކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލުން ގެޒެޓުކޮށްފައިވަނީ މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މި މަރުކަޒު ހެދުމަށް އަގު ހުށައެޅުން އަންނަ ބުރާސްފަތި ދުވަހު އޮންނާނެކަމަށެވެ. އަދި އެ ކައުންސިލުން ބުނެފައިވާ ގަޑީގައި މައުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ހާޒިރުވާ ފަރާތަތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމަށް ގެޒެޓުގައި ވެއެވެ.
އަދި އޭގެ އިތުރުން ގެޒެޓުގައި އެ ކައުންސިލުން ބުނެފައިވަނީ އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމެންޓް ، އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.
މީގެ އިތުރުން މި ކެޓް ޝެލްޓާ އާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަން ގެ 3025407 ފޯނު ނަންބަރަށް ގުޅާލުމުން ނުވަތަ [email protected] އަށް މެއިލް ކުރުމުން ސާފުވާނެ ކަމަށް ގެޒެޓުގައިވެއެވެ.
ކެޓް ޝެލްޓާ ނުވަތަ ބުޅަލުގެ މަރުކަޒު ގާއިމް ކުރަނީ މާލޭ ސަރަހައްދުގައި ބުޅާ ގިނަވެ ނަޖިސްވާ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުންނެވެ.