ޣައްޒާގެ އުތުރުގައިހުރި ހޮސްޕިޓަލްތަކުގައި ފެނާއި ކާނާނުލިބި ބަނޑުހައިހޫނުކަންމަތީ ތިބެ ހަ ކުއްޖަކު މަރުވެއްޖެއެވެ.
ޣައްޒާގެ ސިއްހީ ވުޒަރާއިން ހާމަކޮށްފައިވާ ގޮތުގައި މަރުވި ހަ ކުދިން ތެރެއިން ދެ ކުދިން މަރުވީ ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް، އަލް ޝިފާ ހޮސްޕިޓަލްގައެވެ. އަނެއް ހަތަރު ކުދިން މަރުވީ ޣައްޒާގެ އުތުރުގައި ހުންނަ ކަމަލް އަދުވާން ހޮސްޕިޓަލްގައެވެ. އެ ހޮސްޕިޓަލްތަކުގައި ޖުމްލަ ހަތް ކުޑަކުދިން ފުރާނައަށް ނުރައްކާވާ ހާލަތުގައި ތިބި ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
ޣައްޒާގެ އުތުރުގައި މިހާރު ހިނގަމުންދާ އިންސާނީ ކާރިސާ ހުއްޓުވުމަށް ބައިނަލްއަގުވަމީ އިދާރާތަކުން ވަގުތުން މަސައްކަތްކުރަންޖެހޭ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާގެ ތަރުޖަމާނު އަޝްރަފް އަލް ޤުދްރާ ވިދާޅުވިއެވެ.
ތެޔޮ ހުސްވުމުގެ ސަބަބުން ކަރަންޓު ނުލިބި ކަމަލް އަދުވާން ހޮސްޕިޓަލް މިހާރު ވަނީ ހިދުމަތް ނުދެވި ބަންދުކުރަން ޖެހިފައެވެ. ޖަބަލިޔާގައި ހުންނަ އަލް އަވްދާ ހޮސްޕިޓަލް ވެސް ވަނީ ކަރަންޓު ނުލިބުމުގެ ސަބަބުން ބަންދުކުރަންޖެހިފައެވެ.
ޣައްޒާގެ އުތުރަށް އިންސާނީ އެހީ ފޯރުކޮށްނުދޭވޭތާ ގާތްގަޑަކަސް މަސް ދުވަސް ފަހުން ބުދަ ދުވަހު ކާބޯތަކެތި އުފުލާ 31 ޓްރަކްގެ ޣައްޒާގެ އުތުރަށް ވެއްދުމަށް ހުއްދަ ދީފައިވާނެ ކަމަށް އިސްރާއީލުން ބުނެއެވެ. ފަލަސްތީނުގެ މަދަނީ ކަންކަން ބަލަހައްޓާ އިސްރާއީލުގެ އަސްކަރީ އޮފީސް ކޯޑިނޭޝަން އޮފް ގަވަރމަންޓް އެކްޓިވިޓީ އިން ދަ ޓެރިޓޯރީސް (ކޯގަޓް) އިން ވެސް ބުނީ ހޯމަ އަދި އަންގާރަ ދުވަހު ގާތްގަނޑަކަށް އިތުރު 20 ޓްރަކް އެ ސަރަހައްދަށް ވަދެފައިވާ ކަމަށެވެ.
ހަނގުރާމަ ފެށިތާ ހަތަރު މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އިސްރާއީލުގެ ފައުޖުތަކުން ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް ގާތްގަޑަކަށް 30،000 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ޖުމުލަ 2.3 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޣައްޒާގެ ހަތަރުބައިކުޅަ އެއްބައި މީހުން ވަނީ ހަމަލާތަކުގެ ސަބަބުން ބަނޑުހައިހޫނުކަމަށް ހުށަހެޅިފައެވެ.