Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަޖިލިސް އިންތިޚާބު

އޭޕްރީލު މަހުގެ 21 ވަނަ ދުވަހަށް މަޖިލިސް އިންތިޚާބު ފަސްކުރަން ނިންމައިފި

މި އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޭޕްރީލު މަހުގެ 21 ވަނަ ދުވަހުގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން އިންތިޚާބު ބާއްވަން ކަނޑައެޅި ތާރީޚަކީ އަންނަ މާރިޗު މަހުގެ 17 ވަނަ ދުވަހެވެ. ނަމަވެސް އެ ދުވަސް ރަމަޟާން މަހުގެ ތެރެއަށް ދިމާވާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް މަޖިލިސް އިންތިޚާބު ފަސްކުރުމަށް ބިލެއް އެމްޑީޕީން ފާސްކުރިއެވެ.

އެ ބިލު ފާސްކޮށް ތަސްދީގުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވުމުން އެމަނިކުފާނުވަނީ ބިލުގައި ހުރި ޤާނޫނީ މައްސަލަތަކެއް ފާހަގަކުރައްވައި އަނބުރާ ބިލު މަޖިލީހަށް ފޮނުއްވާފައެވެ. ބިލު އަނބުރާ ފޮނުއްވި ސަބަބުތަކުގެ ތެރޭގައި އިންތިޚާބު ފަސްކުރުމާ ގުޅުމެއް ނެތް ބައެއް ކަންކަން ބިލުގައި ހިމަނާފައިހުރިކަމާއި، ބިލުގައިވާ ގޮތަށް އިންތިޚާބު ފަސްކުރުމުން ޤާނޫނުއަސާސީގައި ވަކި މުއްދަތެއްގައި ކުރަން ކަނޑައަޅާފައިވާ ކަންކަން އެ މުއްދަތުގައި ނުކުރެވިދާނެކަމުގެ ކަންބޮޑުވުން ފާހަގަކުރެއްވިއެވެ.

ނަމަވެސް އިދިކޮޅު އެމްޑީީޕީގެ އަޣުލަބިއްޔަތު އޮންނަ ރައްޔިތުންގެ މަޖިލީހުންވަނީ އެ ބިލު ކުރިން ފާސްކުރި ގޮތަށް އަލުން ފާސްކޮށްފައެވެ. އެއާއެކު އެ ބިލު ތަސްދީގުކުރެއްވުމާމެދު ބަންޑާރަނައިބުގެ ލަފާފުޅަކަށް އެދިވަޑައިގަންނަވާނެކަން މިއަދު ރައީސް ހާމަކުރެއްވިއެވެ.

ބަންޑާރަނައިބުގެ ލަފާފުޅާއެކު ރައީސް މިރޭ އެބިލު ތަސްދީގުކުރެއްވުމުން އިންތިޚާބު ބާއްވާނެ ތާރީޚާމެދު ގޮތެއް ނިންމުމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ ކުއްލި ބައްދަލުވުމެއް ބޭއްވިއެވެ. އެ ބައްދަލުވުމުގައި ކޮމިޝަނުން ނިންމާފައިވަނީ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުގައި އިންތިޚާބު ބޭއްވުމަށެވެ.

މި ލިއުމާއި ގުޅޭ