ބޯންމެރޯ ހެދުމަށް ފަސް ކުއްޖަކު މިހާރު ވާނީ އިންޑިއާއަށް ފޮނުވާފައި ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، ސިއްހީ ދާޢިރާގައި ހުރި މަސައްކަތްތަކާ ގުޅޭގޮތުން މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.
ޚަލީލް ވިދާޅުވީ، ތެލެސީމިއާ ބަލީގައި އެކި ކުދިން އެކި ސްޓޭޖްތަކުގައި ތިބި ނަމަވެސް ހުރިހާ ކުދިންގެ ހާލުވެސް ރަނގަޅު ކަމަށާއި، ސަރުކާރުން މަސައްކަތްކުރަނީ ކޮންމެ އަހަރަކުވެސް ރާއްޖޭން 10 ކުއްޖަކު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ކަމަށެވެ.
" މިއީ ވަރަށް ބޮޑު ޕްރޮސެސްއެއް ހިނގާ ކަމެއް. މިހާރު އަޅުގަނޑުމެންނަށް މިކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ 10 ކުއްޖަކު ކޮންމެ އަހަރަކުވެސް އިރާދަކުރެއްވިއްޔާ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދިގެންދާނެ. އެއީ ސަރުކާރުގެ އަމާޒަކީ."މިނިސްޓަރ ވިދާޅުވިއެވެ.
" އަޅުގަނޑުމެންނަށް މިހާރު ވަނީ ފަންޑުވެސް ލިބިފަ. މި ފުރުސަތުގައި އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަކޮށްލަން ބޯންމެރޯ ހެދުމުގެ އިންތިޒާމުތައް ފަންޑުކޮށްދިނުމުގައި އިސްލާމިކް މިނިސްޓްރީން ވެދެއްވި އެހީތެރިކަން."މިނިސްޓަރ ވިދާޅުވިއެވެ.
ޚަލީލް ވިދާޅުވި ގޮތުގައި މި ސަރުކާރު އައުމާއެކު އެންމެ ފުރަތަމަ ކުރަން ފެށި އެއް މަސައްކަތަކީ ތެލަސީމިއާ ބަލި ހުންނަ ކުދިންނަށް ފަރުވާ ހޯދުން ކަމަށެވެ. އެގޮތުން އެއީ މިސަރުކާރުގަ ވަރަށް ބޮޑު އަމާޒެއް ކަމަށާއި، ޚާއްސަކޮށް މިއީ ރައީސްގެ ޕާސަނަލް އިންޓްރެސްޓް ހުރި ކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ބޯންމެރޯ ޓްރާންސަޕަލާންޓް ހެދުމަށް ފަންޑު ލިބިފައިވާކަން ފާހަގަކުރައްވަމުން ޚަލީލް ވަނީ އެ އެިންތިޒާމްތައް ފަހިކޮށްދިނުމުގައި އިސްލާމިކް މިނިސްޓްރީން ކުރެއްވި މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ.