ޑަބްލިޔުޑީސީގެ މެމްބަރުންނަށް ރަމަޟާން މަހުގެ އެލަވަންސް ލިބޭގޮތަށް ގާނޫނަށް ބަދަލުގެންނަން ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އުތުރުގެ ރަށްތަކަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނ. ކެނދިކުޅުދޫގައި އެރަށު ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް މިއަދު ވިދާޅުވީ ސަރުކާރަކުން ރައްޔިތުންނަށްޓަކައި ކަންކަންކަން ކުރަން ބޭނުންވި ނަމަވެސް އެއިރަކު އޮންނަ މަޖިލީހަކުން އެކަންކަމަށް ހުރަސް އެޅުމުގެ ފުރުސަތު އެބަލިބޭ ކަމަށެވެ. އެގޮތުން ރައްޔިތުންނަށް ބޭނުންވާ މުހިންމު ގާނޫނުތައް ފާސްކުރުމާއި ބަޖެޓް ހަމަ ޖެއްސުން ފަދަ ކަންކަމަށް ހުރަސް އެޅުމުގެ ފުރުސަތު މަޖިލީހަށް ލިބިގެންދާ ކަން ރައީސް ފާހަގަ ކުރެއްވިއެވެ.
ރައީސް ވިދާޅުވީ ރައްޔިތުންނާ ސީދާގުޅުންހުރި ވަރަށް ގިނަ ކަންކަން ގާނޫނުގެ ތެރެއިން އިސްލާހް ގެންނަވަން އެމަނިކުފާނު ބޭނުންފުޅުވާ ކަމަށެވެ. އެގޮތުން ޑަބްލިޔުޑީސީ ތަކުގެ މައްސަލަ އަށް ދާއިމީ ހައްލެއް ގެންނަން ބޭނުންވާ ކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑު ބޭނުން ޑަބްލިޔުޑީސީ ތަކުގެ މައްސަލަ އަށް ދާއިމީ ހައްލެއް ގެންނަން. ރަމަޟާން މަހުގެ އެލަވަންސް ލިބޭގޮތަށް ގާނޫނު އިސްލާހް ގެންނަން. އެ އެލަވަންސަކީ މުސާރައެއްގެ ކެޓަގަރީއަށް މުސާރައިގެ ހައިސިއްޔަތު ލިބޭ މުސާރަ އަކަށް ހަދަން ބޭނުން. އޭގެ ސަބަބުން ވިއެއުމުގެ ޗުއްޓީއާއި ދެންވެސް ހުރި ޗުއްޓީތައް ނެގޭނެ ގޮތަށް ބޭންކަށް ގޮސް ލޯނު ހޯދުމުގެ ފުރުސަތު ފަހިވާނެ ގޮތަށް، މިކަހަލަ ހުރިހާ ކަމަކަށް ޑަބްލިޔުޑީސީ ތަކަށް މަސައްކަތް ކުރަން ގާނޫނު އަސާސީ އިސްލާހް ކުރަން ބޭނުން" ރައީސް ވިދާޅުވިއެވެ.
ނަމަވެސް އެކަން އެގޮތަށް ވާން އޮތީ ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ލިބިގެން ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ރާއްޖެއަށް ގެންނަން ބޭނުންވާ އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުންތައް ގެނައުމަށް ފަސޭހަ ކުރުމަށްޓަކައި މިފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ހޯދައި ދެއްވުމަށް ރައީސް ވަނީ އެދި ވަޑައިގެންފައެވެ.