ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި ތަރައްގީގެ ވާހަކަ ދައްކަން އިދިކޮޅު ފަރާތްތަކުން މިއަދު ލަދުގަންނަންޖެހޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު އުތުރުގެ ބައެއް އަތޮޅުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ.ކެނދިކުޅުދުއަށް ވަޑައިގެން ބޭއްވެވި ޖަލްސާގައެވެ.
މިނިސްޓަރު ވިދާޅުވީ މިހާރުގެ އިދިކޮޅު ފަރާތްތަކުން ގައުމުގެ އިގުތިސާދާއި ތަރައްގީއާއި ގައުމުގެ މިނިވަންކަމާއި ސިޔާދަތުގެ ވާހަކަ ދައްކަވަން މައިކުތައް ހިއްޕަވައިގެން ތިއްބެވުން ވަރަށް ލަދުވެތި ކަމަށެވެ. އެފަދަ ވާހަކަ މިއަދު ދައްކާއިރު އެބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ބާރުގެ ބޭނުންކުރައްވައިގެން ގޮތް ނޭނގޭ އެގްރިމަންޓުތައް ހައްދަވައިގެން ރައްޔިތުން އުޅެނީ އެކަމުން ސަލާމަތް ނުވެވިގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
''އެހެންނަމަވެސް އުނދަގޫ ހާލަތެއް އޮތްކަމުގަ ވީ ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އެ ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަން ޔަގީން ކުރުމަށްޓަކައި ދިވެހި ރައްޔިތުންނަށް މި ގައުމަކީ މިނިވަން މުސްތަގިއްލު ގައުމެއްކަން ޔަގީންކޮށްދެއްވުމަށްޓަކައި އެމަނިކުފާނު ނިންމުންތަކެއް ނިންމެވި''
އެގޮތުން މި ގައުމުގައި ބޭރުގެ ސިފައިންނަށް ތިބެވިގެން ނުވާނެކަން ކަނޑައަޅުއްވައި ފުރަތަމަ ދުވަހުން ފެށިގެން އެ މަސައްކަތް ފަށްޓަވާފައިވާކަން މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
''އެ މަސައްކަތް ނުކޮށްގެނޭ ކިޔައިގެން ވާހަކަ ދައްކަވާ ބޭބޭފުޅުންނަށް އަޅުގަނޑަށް ހީވަނީ ތަންކޮޅެއް ބޮޑަށް ސިޔާސީ މަގުސަދު ހާސިލުކުރުމަށްޓަކައި ރައްޔިތުންގެ އެޓެންޝަން ހޯދުމަށް ދައްކަވާ ވާހަކަތަކެއްގަ ޖެހިފަ އެ ތިއްބަވަނީ''
މިނިސްޓަރު ވިދާޅުވީ ރައީސް މިހާރު އޮތީ އެކަމަށް ވަކި ތާރީޚުތަކެއް ކަނޑައަޅުއްވާފައި ކަމަށާއި އެ ތާރީޚަށް މި ގައުމުގައި އެއްވެސް ''މިލިޓްރީ ބޫޓެއް'' މި ގައުމުގައި ނުތިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މިހެން ވިދާޅުވިއިރު ބާރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ އިންޑިއާއާއެކު ރާއްޖެއިން އެއްބަސްވެފައިވާ ތާރީޚުތަކާ އެއްގޮތަށް އިންޑިއާ ސިފައިން ގެންގޮސް ނިންމާތަން ވަރަށް އަވަހަށް ފެންނާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.
ދެ ގައުމުގެ ސަރުކާރުން އެއްބަސްވެފައިވާ ގޮތުގެ މަތިން ރާއްޖޭގައި ގާއިމުވެފައި ތިބި 3 އޭވިއޭޝަން ޕްލެޓްފޯމުގެ ތެރެއިން 1 ޕްލެޓްފޯމުގައި ތިބި މިލިޓަރީ ފަރާތްތައް 10 މާރިޗުގެ ކުރިން ގެންދާނެއެވެ. އަދި ބާކީ 2 ޕްލެޓްފޯމުން 10 މޭ ގެ ކުރިން މިލިޓަރީ ފަރާތްތައް ގެންދާނެއެވެ.