Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ އަހްމަދު ޝިޔާމް

އިދިކޮޅު ފަރާތްތަކަށް މަޖިލިސް ލިބިއްޖެނަމަ މިނިވަންކަން ގާދޫ ކޮލުން ބޭރުވާނެ: މިނިސްޓަރ ޝިޔާމް

ސަރުކާރާ އިދިކޮޅު ފަރާތްތަކަށް ރައްޔިތުންގެ މަޖިލިސް ލިބިއްޖެނަމަ މި ގައުމުގެ މިނިވަންކަން ގާދޫ ކޮލުން ބޭރުވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ށ.ފުނަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ އެހެން ވެރިން 100 ދުވަހުގެތެރޭ ފުއްދަވަން ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާފައި ހުރި މިންވަރާއި ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހުން މިއަދާ ހިސާބަށް ވައުދުތައް ފުއްދެވި މިންވަރު އަދަދުތަކުން ބެއްލެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

''ބެއްލެވީމަ ސާފުވާނެ ނިޔަތް ސާފުކޮށްގެން ހެޔޮ ނިޔަތަކާ އެކީގައި ރައްޔިތުންނަށް ވެރިކަން ކޮށްދެއްވަން ވަޑައިގެން ހުންނެވީ ކޮން ބޭފުޅެއްކަން އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒު''
މިނިސްޓަރ ޝިޔާމް
އެހެންކަމުން ރައްޔިތުން ރައީސް ޑރ.މުޢިއްޒު ރައީސްކަމަށް އިންތިޚާބުކުރި ހިސާބުން މަސައްކަތް ނިމުނީކީ ނޫން ކަމަށާއި އަދި އެއީ މަސައްކަތް ފެށުނީ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.
''މި މަސައްކަތާއެކީގައި ސަރުކާރަށް އެންމެ މުހިންމު މަސައްކަތް ސަރުކާރަކަށް އެންމެ މުހިންމު އިންތިޚާބު މި އަންނަނީ ރައްޔިތުންގެ މަޖިލިސް އިންތިޚާބު. އެއީ ރައްޔިތުންނަށް ވެސް އެންމެ މުހިންމު އިންތިޚާބުވެގެންދާނީ. އެހެންނޫނީ ސަރުކާރެއް ލިބިފައި ރައްޔިތުންގެ މަޖިލިސް ވަކި ގޮތަކަށް ވަކި ބަޔަކު އަޅުގަނޑުމެންގެ އަވަށްޓެރި ގައުމެއް ބޭނުންވާ ގޮތަށް ރައްޔިތުންގެ މަޖިލިސް ދިޔައިމަ އެއްކަލަ އަނެއްކާވެސް އެ ދިޔައީ ގާދޫ ކޮލުން ބޭރަށް އަޅުގަނޑުމެންގެ މިނިވަންކަން. އެއްކަލަ އެ ދިޔައީ އަޅުގަނޑުމެންގެ ފުދުންތެރިކަން.''
މިނިސްޓަރ ޝިޔާމް

އޭރުން ރައްޔިތުން އިޚުތިޔާރުކުރި ރައީސުލްޖުމްހޫރިއްޔާގެ ތަސައްވަރު ހާސިލުވާ ތަނެއް ނުފެންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި ބާއްވަވާ ޖަލްސާތަކުގައި ވެސް ރައީސް ޑރ.މުޢިއްޒު އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރައްވާ އެއް ކަމަކީ ތަރައްގީ ހާސިލުކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ މުހިންމު ދައުރެވެ.

ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި، ރައްޔިތުންގެ މަޖިލީހުގެ އެހީތެރިކަން ލިބުމާއި ނުލިބުމަކީ، ވަރަށްބޮޑު ތަފާތެއް އަންނަ ކަމެއް ކަމަށާއި ރައްޔިތުންނަށް އޭގައި ކުރިއެރުމާއި، ކުރިއެރުން ނުލިބުން ބިނާވަނީ، ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ މެންބަރުން ކަންކަން ނިންމަވާ ގޮތަކަށް ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

އެހެންކަމުން ކުރިއަށް މިއޮތް ރައްޔިތުންގެ މަޖިލިސް ތެރެއިން ރައްޔިތުންގެ ހައްގުގައި ސަރުކާރަށް މަސައްކަތް ކޮށްދޭނެ، ސަރުކާރުގެ ވިސްނުމުގައި ތިބި މެންބަރުންތަކެއް ހޮވަން ޖެހޭކަން އެމަނިކުފާނު ގެންދަވަނީ ފާހަގަކުރައްވަމުންނެވެ.
މި ލިއުމާއި ގުޅޭ