Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ ސައީދު

ވެރިކަން ނުލިބިއްޖެނަމަ ރާއްޖެ ބަނގުރޫޓުކޮށްލަން ކުރީގެ ސަރުކާރުން އޮތީ ހިސާބު ޖަހާފައި: މިނިސްޓަރ ސަޢީދު

ވެރިކަން ނުލިބިއްޖެނަމަ ވަކި ހިސާބަކުން ރާއްޖެ ބަނގުރޫޓުކޮށްލަން ކުރީގެ ސަރުކާރުން އޮތީ ހިސާބު ޖަހާފައި ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެެވެ.

މިނިސްޓަރު ސަޢީދު މިހެން ވިދާޅުވީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިހާރު ރާއްޖޭގެ އެންމެ އުތުރުގެ ހަތަރު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ށ.މިލަންދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ރެޖިސްޓަރ ނުކުރާ ނޫސްތަކާއި ފާޑުފާޑުގެ އޮޅި މެދުވެރިކޮށް ރާއްޖޭގެ ތަސައްވަރު ގޯސްކުރަން އޭރުގެ ސަރުކާރުގެ ބޭފުޅުން ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށެވެ.
ރައީސް ޑރ.މުޢިއްޒުގެ ސަރުކާރަށް ފާޑުވިދާޅުވާނެ ކަމެއް ނެތުމުން ދެން ކޮންމެވެސް ވާހަކައެއް ދައްކައި ގައުމު ހަލަބޮލިކަމެއްގެ ތެރެއަށް ވައްޓާލަން އުޅުނަސް އެކަމެއް ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
''ހިސާބު ޖަހާފައި އޮތީ ވަކި ދުވަހެއްގަ ގައުމު ބަނގުރޫޓުކޮށްލަން. ހަމަ ބަރާބަރަށް ޑިޒައިންކޮށްފަ ބައެއްގެ އެހީތެރިކަމާއެކު އޭރުގެ ފޮރިން މިނިސްޓަރު އޭރުގެ ރައީސުލްޖުމްހޫރިއްޔާއާ. ދެން ބަނގުރޫޓު ނުވީމަ އެކަމާ ކޯފާވެގެން އެކަމާ ރުޅި އައިސްގެން ރެޖިސްޓަރ ނުކުރާ ނޫސްތަކާއި ފާޑުފާޑުގެ އޮޅީގަ ރާއްޖޭގެ ތަސައްވަރު ގޯސްކުރަން ވާހަކަ ދެއްކީމަ އަޅުގަނޑު ހިތަށް އަރާ ސަމުގާގެ ކަށި ކޮންކޮޅަކަށްބާއޭ ދެން އެނބުރޭނީ.''
އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވަމުން މިނިސްޓަރު އިތުރަށް ވިދާޅުވީ އެބޭފުޅުން އެނބުރި އައިސް މި ގައުމު ހަމަ މަގުން ކައްސައިލާކަށް ދިވެހި ރައްޔިތުން ދެން ފުރުސަތެއް ނުދޭނެ ކަމަށެވެ.
މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި ވަނީ ވޭތުވެދިޔަ މުއްދަތުގައި ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުން ހާސިލުކޮށްފައިވާ ކާމިޔާބީތަކުގެ މައްޗަށް ވެސް އަލިއަޅުވައިލައްވައިފައެވެ. އެގޮތުން އެއް އަހަރަށް ބޭނުންވާ މިންވަރަށްވުރެ އިތުރަށް ތުރުކީވިލާތުން ރާއްޖެއަށް ހަނޑުލާއި ހަކުރާއި ގޮދަން ފުށް ގެންނަން އެއްބަސްވުމެއް ހަދާފައިވާއިރު ކާޑުގެ ފުރަތަމަ ޝިޕްމަންޓް ބަރުކޮށްގެން ތުރުކީއިން ބޯޓެއް ފުރާފައިވާކަން ފާހަގަކުރެއްވިއެވެ.
މި މޭރުމުން ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު ވިދާޅުވީ ރައީސް ޑރ.މުޢިއްޒަކީ ރައްޔިތުންގެ ކަންބޮޑުވުންތައް އާދަޔާ ޚިލާފަށް ކަނުލައި އަޑުއައްސަވާ ބޭފުޅެއް ކަމަށާއި އަމިއްލަފުޅަށް ރަށްރަށުގެ ކަންކަން ބައްލަވައި ފޮތް ޗާޕުކުރައްވައި ރައްޔިތުންނާ ހަމައަށް އެ ފޮތް ގެނެސްދެއްވައިފައިވާ ކަމަށެވެ.

''އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާއަށްޓަކައި ފަޚުރުވެރިވަން. ދިވެހި ލޮބުވެތި ރައްޔިތުން ރައީސުލްޖުމްހޫރިއްޔާއަށްޓަކައި ފަޚުރުވެރިވޭ.'' މިނިސްޓަރު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ