ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލް އަދި އެރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބޭއްވުނީ މިއަދު ހަވީރު ށ. މިލަންދޫ ކައުންސިލް އިދާރާގައެވެ.
މިބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ރަށުގެ ތަރައްޤީއަށް ބޭނުންވާ މައިގަނޑު ކަންކަން ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރައްވާފައެވެ. އެގޮތުން މިލަންދޫގައި ހައުސިންގ ޔުނިޓް ޤާއިމުކުރުމަށާއި، މިލަންދޫ ކައުންސިލް އިދާރާ މަރާމާތުކުރުމަށާއި، ކުޑަކުދިންގެ ޕާކުގެ މަސައްކަތް ވީއެންމެ އަވަހަކަށް ނިންމަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.
މީގެއިތުރުން މިލަންދޫގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމާއެކު، ރަށުގައި ފަށާފައި ހުރި މަޝްރޫޢުތައް އަވަހަށް ނިންމުމަށް ބޭނުންވާކަމުގައިވެސް ކައުންސިލުން ރައީސްގެ އަރިހުގައި ދެންނެވިއެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވަނީ އެކަނބަލުންނަށް މަސައްކަތްކުރެވޭނެ ފަހި މާހައުލެއްގެ މުހިންމުކަން މިބައްދަލުވުމުގައި ފާހަގަ ކުރައްވާފައެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބަޖެޓުގެ ދަތިކަން ފާހަގަކުރައްވައި، މެންބަރުންނަށް ރަނގަޅު އުޖޫރައެއް ހަމަޖައްސަވައިދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ.
ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި، އެކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.