މެންޗެސްޓާ ސިޓީ ޓީމުގެ ފުރަތަމަ އެގާރައިން ގަވައިދުން ޖާގަ ހޯދަން ޖެކް ގްރީލިޝް ކުޅުން ރަނގަޅުކުރަން ޖެހޭ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
އިނގިރޭސި ވިންގާ، ގްރީލިޝް، 28، މިދިޔަ ސީޒަނުގައި ވަނީ 41 މެޗުގެ ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ. މިދިޔަ ސީޒަނުގައި ސިޓީ އިން ތާރީހީ ތިން ތަށި ހޯދިއިރު ގްރީލިޝް މުހިއްމު ދައުރެއް އަދާކުރި އެވެ.
މި ސީޒަނުގައި ފޯމު ދަށްވެ ގްރީލިޝް އަދި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނީ 19 މެޗުގަ އެވެ. އޭގެތެރޭގައި ލީގުގެ ހަތް މެޗު ހިމެނެ އެވެ.
"އެއީ ހަމަ ކުރިން ވެސް މި ޓީމުގަ ހުރި ގްރީލިޝް، އަހަރެން ވެސް މިހުރީ ބަދަލުނުވެ. ތަފާތަކަށްވީ ގްރީލިޝްގެ ކުޅުމަށް އައި ބަދަލު" ގްރީލިޝްގެ ފޯމާ ގުޅޭގޮތުން ވާހަކަދައްކަމުން ގާޑިއޯލާ ބުންޏެވެ.
ލީގުގައި އެންމެ ފަހުން ގްރީލިޝް ފުރަތަމަ އެގާރައިގައި ހިމެނުނީ ޑިސެމްބަރު 30 ވަނަ ދުވަހު ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗުގައި ވެސް 52 ވަނަ މިނެޓުގައި ގްރީލިޝް ވަނީ ބަދަލުކޮށްފަ އެވެ.
ގާޑިއޯލާ ބުނީ މި ހަފްތާ ލޫޓަން ޓައުންއާ ދެކޮޅަށް ކުޅޭ އެފްއޭ ކަޕް މެޗުގައި ވެސް ގްރީލިޝް އަށް ފުރަތަމަ އެގާރައިން ފުރުސަތު ލިބޭނެކަމުގެ ޔަގީންކަން ނުދެވޭނެ ކަމަށެވެ.
އެސްޓަން ވިލާގައި މޮޅަށް ކުޅެމުން ދަނިކޮށް ގްރީލިޝް ސިޓީ އަށް ބަދަލުވީ 100 މިލިއަން ޕައުންޑަށެވެ.
"ކުޅުންތެރިން ފޯމު ގެންނަން ތިނެއް ނޫނީ ހަތަރު މެޗެއް ނުދެވޭނެ. ކުޅުންތެރިޔާ ނިންމާނީ ކުޅޭނީ 20 މިނެޓުތޯ ނޫނީ 90 މިނެޓުތޯ. ލިބޭ ވަގުތުގައި ޖެހޭނީ ތަފާތު ދައްކަން" ގާޑިއޯލާ ބުންޏެވެ.
މި ސީޒަނުގައި ގާޑިއޯލާގެ ސިޓީ އަންނަނީ ލީގަށް ވާދަކުރުމުގެ އިތުރުން ޗެމްޕިއަންސް ލީގުގައި ވެސް ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ.