އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު 29،782 އަށް އަރައިފިއެވެ.
ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިސްރާއީލުގެ އަސްކަރިއްޔާއިން މިހާރު ދެމުން ގެންދާ ހަމަލާތަކުގައި ފަލަސްތީނުގެ 70،043 މީހުން ޒަހަމްވެފައިވާ ކަމަށެވެ.
އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލު ސިފައިން ވަނީ 10 ސަރަހައްދުގައި ގަތުލު އާންމު ހިންގައި 90 މީހުން މަރާލައި އިތުރު 164 މީހުން ޒަޚަމްކޮށްލާފައި ކަމަށްވެސް އެބަޔާނުގައި ވެއެވެ.
އިސްރާއީލުގެ ހަނގުރާމައިގެ ކެބިނެޓުން ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށާއި، ހަމާސްއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާލުމާއި ޣައްޒާގައި ބަންދުކޮށްފައި ތިބި މީހުން އެނބުރި ގައުމަށް ގެނައުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އިސްރާއީލްގެ އޮފިޝަލުންގެ ޓީމެއް ގަތަރަށް ފޮނުވުމަށް ވަނީ ފާސްކޮށްފައެވެ.
މިފަދަ މަޝްވަރާތަކެއް މީގެ ކުރިން ވެސް ޕެރިހުގައި ބާއްވާފައިވާއިރު، އެ މަޝްވަރާތަކުގައި ބައިވެރިވީ އެމެރިކާ، ގަތަރު އަދި މިސްރުގެ އޮފިޝަލުންނެވެ.
އިސްރާއީލާއި ހަމާސް އާ ދެމެދު ސުލުހަކުރުމުގެ މެދުވެރިއެއްގެ ރޯލް އަދާކުރަމުން އަންނަ ގަތަރާ އެކު ހަރަކާތްތެރިވާ މިސްރުގެ އިސް އޮފިޝަލަކު ވިދާޅުވީ މި އެއްބަސްވުމުގެ ޑްރާފްޓްގައި، އިސްރާއީލުން ބަންދުކޮށްފައިވާ ފަލަސްތީނުގެ 300 އަށް ވުރެ ގިނަ ގައިދީން މިނިވަން ކުރުމުގެ ބަދަލެއްގެ ގޮތުގައި ޣައްޒާގައި ބަންދުކޮށްފައި ތިބި އިސްރާއީލުގެ ގާތްގަނޑަކަށް 40 އަންހެނުންނާއި އުމުރުން ދުވަސްވީ މީހުން ދޫކޮށްލަން ޖެހެއެވެ.
މިހާރު ކުރިއަށްދާ މަޝްވަރާތަކާ ބެހޭ ގޮތުން ނަން ހާމަނުކޮށް ވާހަކަ ދައްކަވަމުން މިސްރުގެ އޮފިޝަލް ވަނީ ހަނގުރާމަ ހަ ހަފުތާއަށް މެދުކަނޑާލަން ހުށަހަޅާފައިވާކަން ފާހަގަކުރައްވާފައެވެ. މި މުއްދަތުގެ ތެރޭގައި ކޮންމެ ދުވަހަކު ވެސް އެހީދޭ އެތައް ސަތޭކަ ޓްރަކްތަކެއް ޣައްޒާއަށް ވަނުމުގެ ހުއްދަ ދޭނެ ކަމަށާއި އޭގެ ތެރޭގައި ވަށާލާފައިވާ ސަރަހައްދުގެ އުތުރުގެ ސަރަހައްދަށް ވެސް ވަނުމުގެ ފުރުސަތު އޮންނާނެ ކަމަށް ބެލެވެއެވެ.
ސުލުހައިގެ ވާހަކަތައް މެދުކެނޑުމުން ވެސް މަޝްވަރާތައް ދެމެހެއްޓުމަށް ދެ ފަރާތުން އަނެއްކާވެސް އެއްބަސްވެފައި ވަނީ، އިތުރު ރަހީނުން ދޫކޮށްލުމަށް މަގުފަހިކޮށްދީ، ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމުގެ މަގްސަދުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.