Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަޖިލިސް އިންތިޚާބު

މަޖިލިސް އިންތިޚާބު ފަސްކުރުމުގެ ބިލް އަނބުރާ މަޖިލީހަށް!

ކުރިއަށް އޮތް ރަމަޟާންމަހަށްވުރެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ފަސްކޮށްދޭ އިސްލާހުގެ ބިލް ތަސްދީޤު ނުކުރައްވައި އަނބުރާ ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފި އެވެ.

ރައީސް އޮފީހުގެ އިސް އޮފިޝަލަކު ދިޔަރެސްއަށް މަޢުލޫމާތިު ދެއްވަމުން ވިދާޅުވީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް ގެނައި އިސްލާހުގެ ބިލް ރައީސް ވަނީ މިއަދު އަނބުރާ މަޖިލީހަށް ފޮނުވާލައްވާފައިކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, މިބިލް ތަސްދީޤު ނުކުރެއްވީ ބިލުގައި ޤާނޫނީ ގޮތުން ކަންބޮޑުވާ ކަންކަން ހުރުމުން ކަމަށެވެ.

މިގޮތުން ޤާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ށ) ގައި، މިހާރު އޮތް މަޖިލީހުގެ އުމުރު ހަމަވުމުގެ 30 ދުވަސްކުރީން އައު މަޖިލީހުގެ އިންތިޚާބުގެ ހުރިހާކަމެއް ނިންމަން ޖެހޭނެކަމަށް ބުނެފައިވީހިނދު, އިސްލާހުގައިވާގޮތަށް އިންތިޚާބު ބާއްވާ ނަމަ ޤާނޫނުއަސާސީގައި ކަނޑައަޅާފައި އެވާ މުއްދަތުގެ ކުރިން އިންތިޚާބުގެ ހުރިހާ ކަންކަން ނިމާނުލެވުމުގެ އިހްތިމާލު އޮތުމުން ބިލުގައިވާ ގޮތަށް ކަނޑައެޅުމަކީ ޤަނޫނުއަސާސީއާއި ޚިލާފުވާނޭ ކަމެެއް ކަމަށް ރައީސްއަށް ފެނިވަޑައިގަންނަވާކަމަށެވެ.

އަދި ޤާނޫނުއަސާސީގެ 75 ވަނަ މާއްދާގައި މަޖިލީސް މެންބަރުން ޤައުމުގެ މަޞްލަޙަތާ އެއްގޮތަށް ކަންކަންކުރަން ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށާއި, އިންތިޚާބުގެ ތާރީޚަށް ބަދަލު ގެންނަން މަޖިލީހުން ފާސްކޮށްފައިވަނީ މިހާރުގެ މަޖިލީހުގެ ބައެއް މެންބަރުން އިންތިޚާބުގައި ވާދަކުރައްވާތީ އަމިއްލަފުޅު މަޞްލަޙަތަކަށްކަމަށް ބެލުމުގެ ފުރުޞަތު އެބައޮތްކަމަށްވެސް ދިޔަރެސްއަށް މަޢުލޫމާތު ދެއްވަމުން ރައީސްއޮފީހުގެ އޮފިޝަލް ވިދާޅުވިއެވެ.

އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް ގެނައި އިސްލާހުގައި ވާގޮތުން, ވޯޓުދޭ މީހުންގެ ލިސްޓް ގެޒެޓްކުރެވޭއިރު ވޯޓްލެވޭ ހުރިހާ ރައްޔިތުންގެ އައިޑީކާޑު ނަންބަރު އާއްމުކުރަންޖެހޭ ކަމަށާއި މިއީ، ކޮންމެހެން އާއްމުކުރަން ނުޖެހޭ، ވަރަށް ބޮޑު ޒާތީ މަޢުލޫމާތެއް ކަމަށާއި އިލެކްޝަންސް ކޮމިޝަނުން އެކިދާއިރާތަކަށް ކަނޑަޅާ "ފޯކަލް ޕޮއިންޓް" ތަކަކީ މުހިއްމު, ބޮޑެތި ޒިންމާތަކެއް މަތިކޮށްފައިވާ ބަޔަކަށްވާއިރު، އެ ފޯކަލްޕޮއިންޓުންއައްޔަންކުރެވޭ ގޮތުގެ އެއްވެސް ތަފްސީލެއް ބިލުގައި ބަޔާންވެފައި ނެތުމަކީވެސް ކަންބޮޑުވާ ކަމެއްކަމަށް ރައީސް އޮފީހުގެ އޮފިޝަލް ވިދާޅުވިއެެވެ.

އަދި މީގެ އިތުރުން އިންތިޚާބާއި ބެހޭ ޤާނޫނާއި މިފަދައިން ކުޅެ, އިންތިޚާބުތައް ބާއްވާ ތާރީޚަށް ބަދަލުތައް ގެނައުމަކީ ރައްޔިތުން އިންތިޚާބުތަކާއިމެދު އޮންނަ އިތުބާރު ކުޑަވެގެންދާނެ ކަމެއް ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ޤާނޫނުއަސާސީގައި ބުނާގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ފޮނުވުމުން، ތަސްދީޤު ކުރުމަށް ނުވަތަ ބިލު އަނބުރާ ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާއަށް 15 ދުވަސް ލިބިގެންވެއެވެ. ފެބްރުއަރީ 11 ގައި މަޖިލީހުން ފާސްކުރި ބިލަށް، 15 ދުވަހުގެ މުއްދަތު ހަމަވީ މިއަދަށެވެ.

މި ލިއުމާއި ގުޅޭ