ނޮޅިވަރަމް ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރުމަށް މުޙައްމަދު އިޔާޒު ހުށަހެޅި ފޯމް އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތުމުން, އެކޮމިޝަނާއި ދެކޮޅަށް ސުޕްރީމްކޯޓަށް އިޔާޒް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ނޮޅިވަރަމް ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރުމަށް ފޯމު ހުށަހެޅި އިޔާޒްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ އޭނާގެ ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމާ ގުޅިގެން ފޯމު ބަލައިގަތުމަށް އެ ކޮމިޝަނުގެ މައްޗަށް އަމުރެއް ނެރެދިނުމަށް ބޭނުންވާ ކަމަށެވެ.
އިޔާޒުގެ ޝަރުތު ހަމަނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އިންތިޚާބީ އޭޖެންޓު ހުށަހަޅާފައިވާ ލިޔެކިޔުންތަކުގައި, ވޭތުވެދިޔަ ފަސް އަހަރުގެ ކުރީގެ ކުށާއި ދަރަނީގެ ރެކޯޑު ފެންނަން ނެތުމުން ކަމަށް ވަނީ ބުނެފައެވެ. މަޖިލިސް އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓާއި ރަސްމީ އިންތިޚާބީ އޭޖެންޓް އަދާކުރަން ޖެހޭ އެއްވެސް ސާބިތު ދަރަންޏެއް އޮތް ނަމަ ހުކުމާ އެއްގޮތަށް އެ ދަރަނި ދައްކާ ބަޔަކުކަމުގައި ވާން ޖެހޭ ކަމަށް ޤާނޫނުގައި ބުނެފައިވެއެވެ.
ސުޕްރީމްކޯޓުން މިމައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުޢުތަސިމް އަދުނާނާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހިމެވެ.
އުއްތަމަފަނޑިޔާރު, އަހުމަދު މުޢުތަސިމް އަދުނާންގެ ރަޢުޔަކީ މި މައްސަލައިގައި އިޔާޒްގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ރަސްމީ އިންތިޚާބީ އޭޖެންޓުގެ ލިޔެކިޔުންތަކުގެ ތެރެއިން ކުށާއި ދަރަނީގެ ފޯމުގައި އޭޖެންޓުގެ ފަރާތުން ބަލަންވީ ކުށާއި ދަރަނީގެ ބާވަތުގެ ގޮތުގައި ފާހަގަޖަހާފައިވަނީ ހަމައެކަނި ކުށުގެ ރެކޯޑުގައި ކަމަށެވެ. އެހެންވެ ޑީޖޭއޭއިން ދޫކޮށްފައިވަނީ ހަމައެކަނި ކުށުގެ ރެކޯޑު ކަމަށާއި ދަރަނީގެ ރެކޯޑު ނުހިމެނޭކަން ފާހަގަކުރެވޭކަމަށެވެ. އަދި ދަރަނީގެ ރެކޯޑު ސާފު ކުރަން ކަނޑައަޅާފައިވާ މުއްދަތުގައި އެ ރެކޯޑު ހުށަހަޅާފައި ނުވާކަން އެނގޭތީ މިމައްސަލަ އިތުރަށް ކުރިއަށްގެންދެވެން ނެތް ކަމަށެވެ.
ޖެނުއަރީ 30 ވަނަ ދުވަހުން ފެށިގެން މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް މަޖިލިސް އިންތިޚާބަށް ކުރިމަތިލުމުގެ ފޯމު އިލެކްޝަނުން ބަލައިގެންފައިވާއިރު މި މައްސަލަ ކޯޓަށް ހުށަހަޅުއްވާފައިވާ މުޙައްމަދު އިޔާޒް ފޯމު ހުށަހަޅުއްވާފައިވަނީ ފެބްރުއަރީ 14 ވަނަ ދުވަހުއެވެ.