އިންޓަ މިލާނަށް ކުޅޭ އާޖެންޓީނާގެ ފޯވާޑް، ލަޓާރޯ މާޓީނޭޒް އިޓާލިއަން ލީގުގައި އިންޓަ އަށް 100 ގޯލު ހަމަކޮށްފި އެވެ.
ލީގުގައި ރޭ އިންޓަ މިލާން ވަނީ ރަށުން ބޭރުގައި ލެއްޗޭ 4-0 އިން ބަލިކޮށްފަ އެވެ. މެޗުގައި މާޓީނޭޒް ވަނީ ދެ ގޯލު ޖަހައި އޭނާގެ 100 ވަނަ ގޯލާއި 101 ވަނަ ގޯލު ހަމަކޮށްފަ އެވެ.
އާޖެންޓީނާއާ އެކު ވޯލްޑް ކަޕް ކާމިޔާބުކުރި މާޓީނޭޒް، 26، ރޭގެ މެޗުގައި ގޯލު ޖެހީ 15 ވަނަ މިނެޓުގާއި 56 ވަނަ މިނެޓުގަ އެވެ.
މާޓީނޭޒް ވަނީ އިޓާލިއަން ލީގުގައި މި ސީޒަނުގައި 22 ގޯލު ޖަހައިފަ އެވެ.
ފަސޭހަ މޮޅުގައި އިންޓަގެ އަނެއް ދެ ގޯލު ޖެހީ ޑޭވިޑް ފްރަޓޭސީ އާއި ސްޓެފަން ޑި ވާޖް އެވެ.
ލީގުގެ ދެ ވަނައިގައި އޮތް ޔުވެންޓަސް ރޭ ވަނީ 2-3 އިން ފްރޮސިނޯން ބަލިކޮށްފަ އެވެ. އިޓަލީ ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ނަޕޯލީ ވަނީ ރަށުން ބޭރުގައި ކަގްލިއާރީއާ ވާދަކޮށް 1-1 އިން އެއްވަރުވެފަ އެވެ.
ލީގުގެ ތިން ވަނައިގައި އޮތް އޭސީ މިލާން ވަނީ އަމިއްލަ ދަނޑުގައި އެޓަލާންޓާއާ 1-1 އިން އެއްވަރުވެފަ އެވެ.
އިޓަލީ ލީގުގެ އެއް ވަނައިގައި އިންޓަ މިލާން އޮތީ 25 މެޗުން ލިބުނު 66 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޔުވެންޓަސް އަށް ލިބިފައިވަނީ 57 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް އޭސީ މިލާނަށް ލިބިފައިވަނީ 53 ޕޮއިންޓެވެ.