Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ފަހު ވަގުތު ޗެލްސީ ބަލިކޮށް ލީގު ކަޕް ލިވަޕޫލުން ކާމިޔާބުކޮށްފި

ފައިނަލުގައި ޗެލްސީ 1-0 އިން ބަލިކޮށް މި ސީޒަނުގެ އިނގިރޭސި ލީގު ކަޕްގެ ޗެމްޕިއަންކަން ލިވަޕޫލް ހޯދައިފި އެވެ.

އިނގިރޭސި ވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލުގެ 90 މިނިޓް ނިމުނީ 0-0 އިން ދެ ޓީމު އެއްވަރުވެގެންނެވެ. ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގެ ތެރެއިން ލިވަޕޫލް މޮޅުވި ގޯލު 118 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ވާޖިލް ވެން ޑައިކެވެ. މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ވެން ޑައިކް ގޯލު ޖެހީ ކޯނަރަކުން ބޮލުންނެވެ.

ފައިނަލަށް ލިވަޕޫލް ނުކުތީ އަނިޔާގެ ސަބަބުން މުހިއްމު ގިނަ ކުޅުންތެރިންތަކެއް ނުލަ އެވެ. އޭގެތެރޭގައި މުހައްމަދު ސަލާހު އާއި ޑާވިން ނޫނޭޒް އަދި ޑިއޯގޯ ޖޯޓާ ހިމެނެ އެވެ. މެޗު ނިމުނުއިރު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަނީ ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތުދީފަ އެވެ.

މެޗުގައި ދެޓީމަށް ވެސް ގޯލު ޖަހާނެ ފުރުސަތުތައް ލިބުނެވެ. ހާއްސަކޮށް ޗެލްސީ އަށް ހުސް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވި އެވެ. މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީގެ ރަހީމް ސްޓާލިން ގޯލަށް ވައްދާލި ބޯޅައެއް، ވީއޭއާރުގެ އެހީގައި ބަލައި ރެފްރީ ވަނީ ކެންސަލްކޮށްފަ އެވެ. ގޯލު ކެންސަލްކުރީ އެ ބޯޅަ ދިން ނިކޮލަސް ޖެކްސަން އެވަގުތު އޮފްސައިޑްގައި ހުރުމުންނެވެ.

ދެ ވަނަ ހާފުގައި ލިވަޕޫލްގެ ވެން ޑައިކް ޖެހި ގޯލެއް ވެސް ވީއޭއާރުގެ އެހީގައި ކެންސަލްކުރި އެވެ.

މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ އޭނާގެ 20 އަހަރުގެ ކޯޗިން ކެރިއަރުގައި އެންމެ ހާއްސަ ތައްޓަކީ ރޭ ހޯދި ލީގު ކަޕް ކަމަށެވެ. ކްލޮޕް އެހެން ބުނީ ލިވަޕޫލްގައި އަނިޔާގެ ގިނަ މައްސަލަތަކެއް އުޅެނިކޮށް ޒުވާން ޓީމަކާ އެކު ޗެލްސީ ބަލިކުރެވުމުންނެވެ.

ޗެމްޕިއަންކަމާ އެކު ލިވަޕޫލް ވެފައިވަނީ އިނގިރޭސި ލީގު ކަޕް 10 ފަހަރު ކާމިޔާބުކުރި ފުރަތަމަ ޓީމަށެވެ.

ރޭގެ ފައިނަލަކީ އަނެއްކާވެސް ޗެލްސީ އަށް ހިތްދަތި ތަޖުރިބާއެކެވެ. ޗެލްސީ ވަނީ ވެމްބްލީ ސްޓޭޑިއަމްގައި އެންމެ ފަހުން ކުޅުނު ހަ ފައިނަލުން ވެސް ބަލިވެފަ އެވެ. އޭގެތެރޭގައި ލިވަޕޫލްއާ ވާދަކުރި ތިން ފައިނަލް ހިމެނެ އެވެ.

މި ލިއުމާއި ގުޅޭ