Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިޒްރޭލު

ގައިދީން ބަދަލުކުރުމުގެ ގައިޑްލައިނަށް އިސްރާއީލުގެ ހަނގުރާމައިގެ ކެބިނެޓުން ރުހުންދީފި

ހަމާސް ޖަމާއަތާ އެކު ގައިދީން ބަދަލުކުރުމުގެ މަޝްވަރާތަކުގެ ގައިޑްލައިނަށް އިސްރާއީލުގެ ހަނގުރާމައިގެ ކެބިނެޓުން ރުހުން ދީފިއެވެ.
އިސްރާއީލްގެ ހަނގުރާމައިގެ ކެބިނެޓުން އެ ގައިޑްލައިނަށް ރުހުން ދީފައިވަނީ، އިސްރާއީލު، އެމެރިކާ، ގަތަރު އަދި މިސްރުގެ މަންދޫބުންގެ މެދުގައި މިދިޔަ ހުކުރު ދުވަހު ޕެރިހުގައި ބޭއްވި މަޝްވަރާތަކާ ގުޅިގެން، ތެލްއަވީވް އާއި ހަމާސްއާ ދެމެދު ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމާ ބެހޭ ގޮތުން މަޝްވަރާކޮށްފައި ވަނިކޮށެވެ.
އިސްރާއީލްގެ ކެބިނެޓުން މި ގައިޑްލައިންތަކަށް ރުހުންދިންކަމުގައިވިޔަސް މިއަށް އަމަލީ ސިފައެއް އަންނާނީ ހަމާސް އިން މި ގައިޑްލައިންތައް ބަލައިގަތުމުންނެވެ. ހަމާސްއިން އެ ގައިޑްލައިންތައް ބަލައިގެންފިނަމަ އިޒްރޭލުން ގަތަރަށް ވަފުދެއް ފޮނުވައިގެން ހުއްޓިފައިވާ މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށް ޔެޑިއޯތު އަހްރޯނޯތު ނޫހުން ބުނެފައިވެއެވެ.
ނަމަވެސް މި ގައިޑްލައިންތަކާ ބެހޭ އެއްވެސް ތަފްސީލެއް އެ ނޫހުން ހާމަކޮށްފައެއް ނުވެއެވެ.
އެ ނޫހުން ބުނި ގޮތުގައި ހަނގުރާމަ ހުއްޓާލުމާއި، ޣައްޒާއިން އިސްރާއީލު ސިފައިން ފޭބުމާއި، ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ މީހުން ޣައްޒާގެ އުތުރުގެ ސަރަހައްދަށް އެނބުރި ދިއުމުގެ ޝަރުތުތައް ހިމެނޭ ގޮތަށް އަދިވެސް ގިނަ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރަން ޖެހެއެވެ.
އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އިން ބޯޑަރު ހުރަސްކޮށް ދިން ހަމަލާއަށް ފަހު އިސްރާއީލުގެ 130 އަށް ވުރެ ގިނަ މީހުން ހިފަހައްޓާފައިވާ ކަމަށް ބެލެވޭ އިރު، އިޒްރޭލުން ފަލަސްތީނުގެ 8،800 މީހުން އެ ގައުމުގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ ކަމަށް ދެ ފަރާތުގެ ރަސްމީ މަސްދަރުތަކުން ބުނެއެވެ.
ފަލަސްތީނުގެ ހަމާސް ޖަމާއަތުން މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ބޯޑަރު ހުރަސްކޮށް ދިން ހަމަލާއަށް ފަހު އިސްރާއީލުން ވަނީ ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް 29،690 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، ބޮޑެތި ގެއްލުންތަކެއް ލިބި، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނުގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ.
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގެ އާބާދީގެ 85 އިންސައްތަ މީހުން ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހުގެ ދަތިކަން ބޮޑުވެ ގެދޮރު ގެއްލިފައިވާއިރު، އެންކްލޭވްގެ އުމްރާނީ ވަސީލަތްތަކުގެ 60 އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭވަރުވެފައި ކަމަށް އދއިން ބުނެއެވެ.
1948 ވަނަ އަހަރު އިސްރާއީލު އުފެދުނު ފަހުން ފުރަތަމަ ފަހަރަށް އދ.ގެ ޣައްޒާ ހަނގުރާމައާ ގުޅިގެން އދ.ގެ އެންމެ މަތީ ޝަރުއީ އިދާރާ ކަމަށްވާ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި އިސްރާއީލުގެ މައްޗަށް ވަނީ ޖަރީމާހިންގުމުގެ ތުހުމަތުކޮށްފައެވެ.
މިދިޔަ ޖެނުއަރީ މަހު އެކޯޓުން ނެރުނު ވަގުތީ ހުކުމެއްގައި ވަނީ ޣައްޒާގައި ދިރިއުޅޭ އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޖިނާއީ އަމަލުތައް ހުއްޓާލައި ފިޔަވަޅުތައް އެޅުމަށް ތެލްއަވީވްއަށް އަންގާފައެވެ.
މި ލިއުމާއި ގުޅޭ