ރައީސުލްޖުމްހޫރިއްޔާ ބޮޑު ތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި ހއ. ދިއްދޫ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ގައުމު ޣަރަގުވެގެންދާ ހިސާބަށް ވައްޓާލާފައިވާ ކަމަށާއި، އެކަމަކު ރައީސް މުއިއްޒު އިގުތިސާދު ކޮޅަށް ނެންގެވުމަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.
"ރާއްޖޭގެ އިގުތިސާދީ ހާލަތު މިހާހިސާބަށް އައި އިރު އޮތީ ހަމަ ކަނޑައެޅިގެން ގައުމު ޣަރަގުވެގެންދާ ހިސާބަށް އިގުތިސާދީ ހާލަތު ވައްޓާލާފަ. އެކަމަކު އަޅުގަނޑުމެންނަށް އޮތް އުއްމީދަކީ ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ރައީސުލްޖުމްހޫރިއްޔާ ފުރަތަމަ ދުވަހުއްސުރެ އެގެންދަވަނީ ރާއްޖޭގެ އިގުތިސާދު ކޮޅަށް ނެންގެވުމަށްޓަކައި އެތައް މަސައްކަތްތަކެއް ކުރައްވަމުން." އާދަމް ޝަރީފު ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދު އަލުން ކޮޅަށް ނެގުމަށް ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ފިނޭންސް މިނިސްޓަރު އިއުލާނެއް ނެރުއްވާފައިވާ ކަން އާދަމް ޝަރީފު ފާހަގަ ކުރެއްވި އެވެ.
ރައީސް ޑރ. މުއިއްޒު، އުތުރުގައި ސަރަހައްދުގައި އިގުތިސާދީ ބޮޑު މަޝްރޫއެއް އިއުލާންކުރެއްވިކަން ފާހަގަކުރައްވައި އާދަމް ޝަރީފު އިތުރަށް ވިދާޅުވީ، އެކަމާ ގުޅިގެން އެ ސަރަހައްދުގައި އިކޮނޮމިކް "ގޭޓްވޭއެއް" ހުޅުވިގެން ދާނެ ކަމަށާއި އަދި ރައްޔިތުންނަށް އެކަމުގެ ފަސޭހަތަކެއް ވާނެ ކަމަށް އިގުތިސާދީ މާހިރުން ވިދާޅުވަމުންދާ ކަމަށެވެ.
ރާއްޖޭގެ ތާރީހުގައިވެސް ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި މަސައްކަތް މިހާރު ކޮށްފައިވާ ވަރަށް ކުރާނެ ވެރިއެއް މިހާތަނަށް އެއްވެސް ކައުންސިލަކަށް ފެނިފައި ނޯންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް އާދަމް ޝަރީފު ވިދާޅުވި އެވެ.
އާދަމް ޝަރީފު ވިދާޅުވީ ހަގީގީ ބާރުވެރި ކަމަކީ މާލީ ގޮތުން ކައުންސިލްތަކަށް ލިބޭ ބާރުވެރިކަން ކަމަށާއި އެކަން ކުރެއްވުމަށް ގާނޫނީ ތަރަހައިގެ ތެރެއިން ކޮންމެ ކައުންސިލަކަށްވެސް ބޭނުންވާނަމަ ފަޅުރަށެއް ލިބޭނެ އިންތިޒާމު މިސަރުކާރުން ހަމަޖައްސައިދޭނެ ކަމަށެވެ. އަދި ވިދާޅުވީ މިހާހިސާބަށް އައި އިރު ރައީސް މުއިއްޒުގެ ފަރާތްޕުޅުން އެއްވެސް އުދަނގުލެއް އޮޕޮޒިޝަން އަށް ނުކުރާއިރު، ރައްޔިތުންގެ މަޖިލީހުން ދަނީ ހެދެން އޮތްހާ ގޮތެއް ހަދަމުން ކަމަށެވެ.