Sunday 16th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމެރިކާ

އެމެރިކާ އިން ރަޝިއާއާ ދެކޮޅަށް 500 އަށް ވުރެ ގިނަ ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

އެމެރިކާ އިން ރަޝިއާއާ ދެކޮޅަށް 500 އަށް ވުރެ ގިނަ ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.

މިފިޔަވަޅުތައް އަޅާފައިވަނީ ރަޝިއާއަށާއި، އެ ގައުމަށް ވާގިވެރިވާ ކަމަށް ޝައްކުކުރެވޭ އެތައް ބައެއްގެ މައްޗަށެވެ.

މިހާ ގިނަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އެމެރިކާގެ ސަރުކާރުން އަޅާފައި މިވަނީ ރަޝިއާ އިން ޔޫކުރޭނު ހިފުމަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުންނާއި، ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕޫޓިންގެ ސިޔާސަތު ތަކަށް އެންމެ ބޮޑަށް ފާޑުކިޔަމުން ދިޔަ ރަޝިއާގެ އިދިކޮޅު ސިޔާސީ ލީޑަރު އެލެކްސީ ނަވަލްނީ ރަޝިއާގެ އާކްޓިކް ސަރަހައްދުގައި ހުރި ޖަލެއްގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް ކުއްލިއަކަށް މަރުވުމާ ގުޅިގެންނެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ނަވަލްނީގެ އަނބިމީހާ އާއި ދަރިފުޅާއި އެމެރިކާގެ ސެން ފްރެންސިސްކޯ ގައި މިދިޔަ ބުރާސްފަތި ދުވަހު ބައްދަލު ކުރައްވާ ތައުޒިއާ އަދާ ކުރައްވާފައެވެ. އަދި މިއީ ގަތުލެއް ކަމަށާއި، މި ގަތުލުގައި ރަޝިއާގެ ރައީސް ޕޫޓިންގެ އަތެއް ނުވެ ނުދާނެ ކަމަށް ބައިޑަން ވަނީ ވިދާޅުވެފައެވެ.

އެމެރިކާ އިން މިފަހަރު އެޅި އެންމެ ބޮޑު މާލީ ދަތިކުރުމުގެ ފިޔަވަޅަކީ ރަޝިއާގެ މައި ކާޑު ޕޭމަންޓް ސިސްޓަމް ކަމަށްވާ މިރް އަށް އެޅި ފިޔަވަޅެވެ. ޔޫކުރޭނު ހަނގުރާމަ ފެށުމާއި އެކީ ކާޑުގެ ހިދުމަތް ދޭ ދުނިޔޭގެ ބޮޑެެތި ކުންފުނިތައް ކަމަށްވާ ވިސާ އަދި މާސްޓަރ ކާޑުންވެސް ވަނީ ރަޝިއާގައި ދޭ ހިދުމަތްތައް ހުއްޓާލާފައެވެ.

މީގެ އިތުރުން ރަޝިއާގެ އަސްކަރީ އިންސްޓިއުޝަން ތަކަށާއި އަދި އަސްކަރީ ތަމްރީނާއި ތަހުލީލް ކުރާ ބައެއް އިދާރާ ތަކަށް ވެސް އެމެރިކާ އިން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އަދި ނަވަލްނީ ހައްޔަރު ކުރި އަދި އޭނާ ބަންދުކޮށްގެން ގެންގުޅުނު އޮފިޝަލުންނަށް ވެސް އެމެރިކާ އިން ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

އެމެރިކާއިން މިފަދަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، ނަވަލްނީގެ ހަށިގަނޑު އޭނާ މަރުވިތާ ހަފްތާއެއްހާ ދުވަސްފަހުން ނަވަލްނީ ގެ މަންމައާއި ހަވާލުކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި ލިއުމާއި ގުޅޭ