އުތުރުގެ މަސްވެރިންނަށް އަޅައިދޭނެކަމަށް އިޢުލާންކުރި 150 މިލިއަން ޚަރަދުވާނެ މަސްފެކްޓްރީގެ މަޝްރޫޢަށް ކުރީސަރުކާރުން ބަޖެޓުގައި ހިމަނާފައި އޮތީ އެންމެ 1.9 މިލިއަން ރުފިޔާ ކަމުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވެއްޖެއެވެ.
އިހަވަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ރައްޔިތުންގެ އުންމީދުތަކާއި ގުޅިފައިވާ ސަރަހައްދީ މަސްފެކްޓްރީއާއި އައިސްޕްލާންޓްގެ މަޝްރޫޢަށް 150 މިލިއަން އަށްވުރެ ގިނައިން ޚަރަދުވާނެ ކަމަށެވެ. ނަމަވެސް މިއަހަރަށް ފާސްކުރި ބަޖެޓުގައި ކުރީ ސަރުކާރުން ހިމަނާފައިވަނީ އެންމެ 1.9 މިލިއަން ރުފިޔާ ކަމަށެވެ.
އިހަވަންދޫ ރައްޔިތުންނަށް ރައީސް ދެއްވި ޔަޤީންކަމަކީ އެސަރަހައްދުގެ ރައްޔިތުން ބޭނުންވާ ސްކޭލުގަ ސަރަހައްދުގެ މަސްވެރިކަމުގެ ސިނާޢަތަށް ދާއިމީ ޒަމާންވީ ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށެވެ. މިގޮތުން ޑިވެލޮޕަރ ފައިނޭންސް އުސޫލުންވެސް މި މަޝްރޫޢު ހިންގުމަށް މަސައްކަތް ކުރައްވާނެކަމަށާއި ފުލްސްކޭލްގައި މިއަހަރު މަސައްކަތް ފަށްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
އިހަވަންދޫއަކީވެސް ރާއްޖޭގެ އެހެން ރަށްތަކެކޭ އެއްފަދައިން ގިނަ މަޝްރޫޢުތަކެއް ހުއްޓިފައިވާ ރަށެކެވެ. ރައީސް ވަނީ ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފަށައި ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވެފައެވެ
އުުތުރުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ވަނީ އެސަރަޙައްދަށް އަންނާނެ އެންމެ ބޮޑު މަޝްރޫޢުއަކީ "މޯލްޑިވްސް އިކޮނޮމިކް ގޭޓް ވޭ" މަޝްރޫޢުކަމަށް ވިދާޅުވެފައެވެ. އަދި އެމަޝްރޫޢު ވެގެންދާނީ، މުޅި ރާއްޖޭގައިވެސް ހިންގޭ އިޤްތިޞާދީ އެންމެ ބިޔަ، ބޮޑު މަޝްރޫޢު ކަމަށާއި އެސަރަޙައްދުގެ ހުރިހާ ރަށްތަކަށް އޭގެ މަންފާ ލިބޭނެކަމަށް ވިދާޅުވެފައެވެ.