ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލާ ބައްދަލުކުރެއްވުމުން ރަށުގެ ރައްޔިތުން އެންމެ ބޭނުންފުޅުވާ ކަންކަމާއި ރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަން އެރަށުގެ ކައުންސިލުން ރައީސްއާއި ހިއްސާ ކުރައްވައިފިއެވެ.
މިއަދު ހަވީރު ތުރާކުނު ސުކޫލުގައި ބޭއްވުނު ބައްދަލުވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ރަށުގައި ޒަމާނީ ފެންވަރަށް މަގުހެދުމަށް ބޭނުންވާކަމަށާއި، ދިވެހިރާއްޖޭގެ އިސްލާމީ ބިނާއެއް ރަށުގައި ޤާއިމުކުރުމަށް ބޭނުންވާކަމަށާއި، ކުޅިވަރުގެ ދާއިރާއިން ޒުވާނުން ބޭނުންވާ ކަންކަން ހިމެނެއެވެ.
ތުރާކުނު ކައިރީގައި އޮންނަ “ވަނގާރު” އެރަށުގެ އިހުތިސާސުގެ ތެރެއަށް އިތުރުކުރުމަށް ބޭނުންވާކަމަށާއި، ކައުންސިލް އިދާރާ އާއި ސުކޫލުގެ ޖާގައިގެ ދަތިކަމާއި، ރަށަށް އަރާ ބަނދަރުގައި ހުރި ދަތިކަމާއި، ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށްގެންދިއުމަކީ ރަށުގެ ރައްޔިތުން ވަރަށް ބޭނުންވާ ކަމެއްކަމުގައިވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.
ތުރާކުނުގެ ކަރަންޓުގެ މައްސަލަ ބޮޑުކަމަށް ފާހަގަ ކުރައްވައި، ޒަމާނީ ފެންވަރުގައި ކަރަންޓު ދެވޭނެ ގޮތެއް ބޭނުންވާކަމަށާއި، ރަށުގެ ޞިއްޙީ މަރުކަޒުގައި ހުރި ގޮންޖެހުންތައް ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ.
ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯދަވައިދެއްވުމަށް ކަމާއި ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ރައީސްއާއިއެކު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ވަޒީރުން ހިއްސާކުރެެއްވިއެވެ.