Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަޖިލިސް އިންތިޚާބު

ހުރާ ދާއިރާ އޮތީ ރައީސާއެކުކަމުގެ ޔަގީންކަން ދެއްވަމުން ޕީއެންސީ ކެންޑިޑޭޓުގެ ކެމްޕެއިން މެކުހަށް!

އަންނަ މަހުގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އަލަށް އުފެދުނު ހުރާ ދާއިރާއަށް ވެރިކަންކުރާ ކޮންގުރެސް ކޯލިޝަނުގެ ފަރާތުން ޕީޕަލްސް ނޭޝަނަލް ކޮންގުރެސް ޕާޓީ (ޕީއެންސީ)ގެ ޓިކެޓުގައި ވާދަކުރައްވާ ޢަބްދުﷲ ވާރިޘްގެ ކެމްޕެއިން ވަރަށް ފޯރިގަދަކޮށް ދާއިރާގެ ތިން ރަށުގައި ފަށައިފިއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީއެންސީ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި އެތެރޭގެ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވި ވާރިޘްގެ ކެމްޕެއިން އިއްޔެ އިފުތިތާހުކުރުމުގެ ގޮތުން ޚާއްޞަ ހަވީރުގެ ސައެއް ބާއްވާފައިވެއެވެ. އަދި ކެމްޕެއިން އިފުތިތާހުކުރެއްވުމަށްފަހު، "ދިޔަރެސް"އަށް މައުލޫމާތު ދެއްވަމުން ވާރިޘް ވިދާޅުވީ އެ ދާއިރާގެ ތިން ރަށުގައިވެސް ކެމްޕެއިން ހަރަކާތްތައް ވަރަށް ފޯރިއާއި ޖޯޝުގައި ހިނގަމުންދާ ކަމަށެވެ.

ވާރިޘްއަކީ ހުރާ ދާއިރާގައި ހިމެނޭ ގުޅީ ކައުންސިލުގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ. އޭގެ ފަހުން ދެ ދައުރެއްގަައި ކ.އަތޮޅު ކައުންސިލުގެ ނައިބުރައީސްކަންވެސް އޭނާ ކުރެއްވިއެވެ. ވާރިޘްއަށް ތާއީދުކުރާ އާންމުންގެ ބައެއް މީހުން ބުނެފައިވަނީ، ވާރިޘްއަކީ ޚިދުމަތުގެ ތާރީޚެއް އޮތް ދާއިރާގެ ރައްޔިތުންނާ އެކުވެރި ގާތް ގުޅުމެއް އަބަދުވެސް ބާއްވާ ޒުވާން ލީޑަރެއް ކަމަށެވެ.

"ދިޔަރެސް"އާ ވާހަކަދައްކަވަމުން ވާރިޘް ވިދާޅުވީ އޭނާ ނުކުމެވަޑައިގެން ހުންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށް ހުރާ ދާއިރާގެ ގޮނޑި ހޯދައިދެއްވުމަށް ކަމަށެވެ. އަދި އޭނާގެ ދާއިރާއާއި މުޅި ރާއްޖެއަށް ރައީސް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމުގައި އެމަނިކުފާނަށް މަދަދުވެރިވުމުގެ މަތިވެރި އަޒުމުގައި ކަމަށެވެ.

"އަޅުގަނޑާއި މި ދާއިރާގެ ރައްޔިތުންވެސް މިތިބީ ރައީސްގެ ފަހަތްޕުޅުގައި. އިރާދަކުރެއްވިއްޔާ މިއީ ރައީސް ފައްޓަވާފައިވާ މަސައްކަތްޕުޅު ކާމިޔާބުކުރުމުގައި އެމަނިކުފާނަށް އެހީތެރިވާނެ މެންބަރަކު މަޖިލީހުގައި ހުންނާނެ ދާއިރާއެއް. މިގޮނޑިއަކީ ރައީސަށް މަދަދުވެރިވާ ރައްޔިތެއްގެ ފަރާތުން ރައީސަަށް އެހީތެރިވާނެ މެންބަރަކު ތަމްސީލުކުރާނެ ގޮނޑިއެއް،" ވާރިޘް ވިދާޅުވިއެވެ.

ވާރިޘްގެ ކެމްޕެއިން ހަރަކާތްތަކުގައި އުޅޭ ބައެއް ޒުވާނުން ފާހަގަކުރާ ގޮތުގައި ދާއިރާގެ ވޯޓު ފޮއްޓަށް ވޯޓުލެވޭ ދާއިރާގައި ދިރިއުޅޭ ދާއިރާއަށް ނިސްބަތްވާ ޒުވާނަކު ދާއިރާ ތަމްސީލުކުރުމަކީ ދާއިރާގެ ކުރިމަގަށް އެންމެ މަސްލަހަތުހުރި ގޮތެވެ. އެމީހުން ފާހަގަކުރާ ގޮތުގައި މިފަހަރު އެ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ދާއިރާގައި ދިރިއުޅުއްވާ ދާއިރާގެ ވޯޓު ފޮއްޓަކަށް ވޯޓު ލެއްވޭ ހަމައެކަނި ކެންޑިޑޭޓަކީ ވާރިޘެވެ.،

"ސަރުކާރަށް އެއްބާރުލުންދޭނެކަން ޔަގީންވާ، އަހަރުމެންގެ ތެރެއިން ނުކުމެ އަހަރުމެންގެ ކަންކަން ނޫން އެހެންކަމެއް އިސްނުކޮށް މަސައްކަތްކުރާނެކަމުގެ ސައްތައިން ސައްތަ ޔަގީންކަން އޮތް ހަމައެކަނި ކެންޑިޑޭޓަކީ ވާރިޘް. މިފަހަރު އަހަރުމެން ހޮވާނީ ވާރިޘް،" އެ ދާއިރާއަށް ނިސްބަތްވާ ޒުވާނަކު "ދިޔަރެސް"އާ ވާހަކަދައްކަމުން ބުންޏެވެ.

މި ލިއުމާއި ގުޅޭ