ޔޫއެފާ ޔޫރޮޕާ ލީގުގެ ގަދަ 16 ގެ މެޗުގައި އިނގިރޭސި ކްލަބް ލިވަޕޫލް ޗެކް ރިޕަބްލިކްގެ ސްޕާޓާ ޕްރާހާއާ ވާދަކުރަން ޖެހިއްޖެ އެވެ.
ޔޫރޮޕާ ލީގުގެ ގަދަ 16 ޖާގަ ހޯދި އިނގިރޭސި ކްލަބް ވެސްޓް ހޭމް ނުކުންނާނީ ޖަރުމަނުގެ ފްރެއިބާގްއާ ދެކޮޅަށެވެ. އަދި، ބްރައިޓަން ކުޅޭނީ ރޯމާއާ އެވެ.
ޔޫއެފާ ކޮންފަރެންސް ލީގުގައި އިނގިރޭސި ކްލަބް އެސްޓަން ވިލާ ނުކުންނާނީ ނެދަލެންޑްސްގެ އަޔަކްސްއާ ދެކޮޅަށެވެ.
އެ މެޗުތަކުގެ ފުރަތަމަ ލެގް އޮންނާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހު އެވެ. ދެ ވަނަ ލެގް ކުޅޭނީ މާޗް 14 ގަ އެވެ.
މި ސީޒަނުގައި ލިވަޕޫލް އަދި އަންނަނީ ހުރިހާ މުބާރާތެއްގައި ވާދަކުރަމުންނެވެ. އިނގިރޭސި ލީގު ކަޕްގެ ފައިނަލުގައި މާދަމާ ރޭ ޗެލްސީއާ ދެކޮޅަށް ކުޅޭއިރު އިނގިރޭސި އެފްއޭ ކަޕްގައި ވެސް އެޓީމު ދަނީ ކުރިއަށެވެ.
ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތްއިރު ޔޫރޮޕާ ލީގު ކާމިޔާބު ކުރުމަކީ ވެސް މި ސީޒަނުގައި އެޓީމުގެ އަމާޒެކެވެ.
ޔޫރޮޕާ ލީގުގެ އެހެން މެޗުތަކަށް ބަލާއިރު މާސޭ ނުކުންނާނީ ވިޔަރެއާލްއާ ދެކޮޅަށެވެ. ބެންފީކާ އާއި ރޭންޖާސް ވާދަކުރާއިރު ސްޕޯޓިން ލިސްބަން ކުޅޭނީ އެޓަލާންޓާއާ އެވެ. އޭސީ މިލާން ސްލާވިއާ ޕްރާހާއާ ދެކޮޅަށް ނުކުންނައިރު ރަނގަޅު ފޯމުގައި އޮތް ލެވަކޫސަން ކުޅޭނީ އަޒަރުބައިޖާންގެ ގަރަބާގްއާ އެވެ.