ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ކޮންމެ ރައްޔިތަކަށް ކޮންމެ ވަގުތަކު ޚިޔާލާއި ޝަކުވާ ހުށަހެޅޭ ޚާއްސަ ޕޯޓަލް "ރައްޔިތުންގެ އަޑު" ރައީސް އޮފީހުން ލޯންޗް ކޮށްފިއެވެ.
ރައީސް އޮފީހުން ކޮށްފައިވާ ޓްވީޓެއްގައި ބުނީ އެ އޮފީހުން އާންމުކޮށްފައިވާ ޕޯޓަލް އިން ލޮގިން ވުމަށްފަހު އެމީހަކު ބޭނުވާ ޝަކުވާއާއި ސުވާލެއް ފަސޭހަކަމާއެކު ހުށަހެޅޭނެ ކަމަށެވެ.
އެއޮފީހުން ބުނީ މި އިންތިޒާމު ހަމަޖައްސާފައިވަނީ ރައްޔިތުންގެ އަޑު އައްސަވައިގެން ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމަށް ރައީސް ޑރ. މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.
"ރައީސް ޑރ. މުއިއްޒުގެ އަމާޒަކީ ރައްޔިތުން ބޭނުންފުޅުވާ ކަންކަން ރައްޔިތުންގެ ކިބައިން އޮޅުންފިލުއްވައިގެން ރައްޔިތުން އެދި ވަޑައިގަންނަވާ ގޮތަކަށް މަސައްކަތް ކުރެއްވުން" ރައީސް އޮފީސް
ރައީސް އޮފީހުން ބުނީ ތަރައްގީވެ ތަހުޒީބުވެފައިވާ މުޖުތަމައުއެއް ބިނާކުރުމަށް "ރައްޔިތުންގެ އަޑު" ޕޯޓަލް މެދުވެރިކޮށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ފޯރުކޮށްދެއްވުމަށް ރައީސް ޑރ. މުއިއްޒު އެދިވަޑައިގަންނަވާ ކަމަށެވެ.
އެހެން ސަރުކާރުތަކާއި ޚިލާފަށް ރައީސް ޑރ. މުއިއްޒު ގެންދަވަނީ ރައްޔިތުންގެ އަޑުއައްސަވައިގެން ވެރިކަން ކުރެއްވުމަށް ގިނަ މަސައްކަތް ތަކެއް ކުރައްވަމުންނެވެ.
އެގޮތުން ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމަށް ހަދާފައިވާ ޕްލެޓްފޯމް ތަކަށް ބަލާއިރު، ރަށްތަކާއި ސިޓީތަކަށް އެމަނިކުފާނު ގެންދަވަނީ ދަތުރުކުރައްވަމުންނެވެ. އަހާ ފޯރަމް މެދުވެރިކޮށް ރައްޔިތުންގެ ސުވާލުތަކަށް ވަގުތުން ޖަވާބު ދެއްވައެވެ.
މީގެ އިތުރުން ރައީސްގެ ޖަވާބު، މެދުވެރިކޮށް ރައްޔިތުންކުރާ ސުވާލުތަކަށް ވީޑިއޯ މެދުވެރިކޮށް ޖަވާބު ދެއްވައެވެ. އެހެންކަމުން މި ތައާރަފް ކުރި "ރައްޔިތުންގެ އަޑު" ވެގެންދާނީ ރައްޔިތުންގެ އަޑު އައްސަވައިގެން ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމަށް ގެންގުޅުއްވާ ސިޔާސަތުށް އިތުރުވާ އިތުރުބޮޅަކަށެވެ.