Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިޒްރޭލު

އިސްރާއީލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ އިތުރު މީހަކު ޝަހީދު ކޮށްލައިފި

ޔަހޫދީ ނިރުބަވެރި އިސްރާއީލުން ހައްޔަރު ކުރި ފަލަސްތީނުގެ އިތުރު މީހަކު ޝަހީދު ކޮށްލައިފިއެވެ.

ފަލަސްތީނުގެ ގައިދީންނާއި ބެހޭ އިދާރާއިން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެމީހާ ޝަހީދު ކޮށްލާފައިވަނީ އިސްރާއީލުގެ މެދުތެރޭގައި ހުންނަ ރަމްލާ ޖަލުގައި ބަންދުގައި ގެންގުޅެ އެކިކަހަލަ އަނިޔާ ދީގެންނެވެ. އޭނާއަށް ދިން އަނިޔާގެ ސަބަބުން ޝަހީދުވެފައިވާއިރު، މީޑިއާތަކުން އެއަނިޔާގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

އެހެން ނަަމަވެސް އަބަދު ވެސް އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުން ހައްޔަރުކޮށް އެކިކަހަލަ އަނިޔާ ދެމުން އަންނަ ކަން ވަނީ ހާމަވެފައެވެ. އެގޮތުން ކާއެއްޗެހި ދިނުން މެދުކަނޑާލުން ވެސް ހިމެނެއެވެ.

އަލްޖަޒީރާއިން ހާމަކޮށްފައިވާ ގޮތުގައި ނިރުބަވެރި އިސްރާއީލުން އޭނާ ހައްޔަރު ކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ފެށުނު ހަނގުރާމައިގެ ތެރެއިންނެވެ. އެ ހަނގުރާމައިގެ ތެރެއިން އޭނާ ހައްޔަރު ކޮށްފައިވާއިރު، އެ މުއްދަތުގެ ތެރޭގައި ހައްޔަރު ކުރި 9 މީހަކު ވަނީ މިހާތަނަށް ޝަހީދުވެފައެވެ. އޭނާއަކީ އެގޮތަށް ޝަހީދުވި 10 ވަނަ މީހާއެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިސްރާއީލުން ޣައްޒާ، ހުޅަނގު އައްސޭރި އަދި އިރުމަތީ ގުދުސްގައި 1967 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ހަމަލާތަކުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން 248 މީހަކު ވަނީ ޝަހީދުވެފައެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ނިރުބަވެރިން ދެމުން އަންނަ ހަމަލާތަކުގައި ޣައްޒާއިން މިހާތަނަށް 30،000 އާއި ގާތް ކުރާ އަދަދެއްގެ މީހުން ޝަހީދު ކޮށްލާފައިވާއިރު، 70،000 އާއި ގާތްކުރާ އަދަދެއްގެ މީހަކަށް އެކިވަރުގެ ޒަހަމްތައް ވަނީ ލިބިފައެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގެ އާބާދީގެ 85 އިންސައްތަ މީހުންނަށް ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހުގެ ދަތިކަން ބޮޑުވެ، ގެދޮރު ގެއްލިފައިވާއިރު، އެންކްލޭވްގެ އުމްރާނީ ވަސީލަތްތަކުގެ 60 އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭވަރުވެފައި ކަމަށް އދ.ން ބުނެއެވެ.

1948 ވަނަ އަހަރު އިސްރާއީލު އުފެދުނު ފަހުން ފުރަތަމަ ފަހަރަށް އދ.ގެ އެންމެ މަތީ ޝަރުއީ އިދާރާ ކަމަށްވާ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި އިސްރާއީލުގެ މައްޗަށް ވަނީ ޖަރީމާގެ ތުހުމަތުކޮށްފައެވެ.

މިދިޔަ ޖެނުއަރީ މަހު އެކޯޓުން ނެރުނު ވަގުތީ ހުކުމެއްގައި ވަނީ ޣައްޒާގައި ދިރިއުޅޭ އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޖިނާއީ އަމަލުތައް ހުއްޓާލުމަށް ތެލްއަވީވަށް އަންގާފައެވެ.

މި ލިއުމާއި ގުޅޭ