މަހުގެ އުފެއްދުންތައް ވިއްކުމަށް ހާއްސަ ޕޯޓަލްއެއް ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން އިފްތިތާޙު ކޮށްފިއެވެ.
ބީސީސީ އިން އިފްތިތާހު ކުރި އީ ކޮމާސް ޕްލެޓް ފޯމަކީ މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ މި ޕޯޓަލް މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު އައިޝަތު ފިފްޝީން އަލީ އެވެ.
މި ޕޯޓަލް އާއި ބެހޭ ގޮތުން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒަމީރު ވިދާޅުވީ މިއީ މަހާއި މަހުގެ އުފެއްދުންތަކާއި މަސްވެރިކަމާ ގުޅުންހުރި ތަކެތި އުފައްދާ ފަރާތްތަކަށް ކޮންމެ ތަނެއްގައި ހުރެވެސް އެތަކެތި ވިއްކައި އާމްދަނީ ހޯދޭނެ މަގު ފަހި ވެގެންދާނެ ޕޯޓަލްއެއް ކަމަށާއި މީގެއިތުރުން ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ސަރުކާރުން އެންމެ އިސްކަމެއްދޭ އެއް ކަމަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުން ކަމަށެވެ.
ދިވެހި އުފެއްދުންތެރިކަން ކުރިއަރުވައިދީ ރާއްޖެއާއި ބައިނަލްއަގްވާމީ ބާޒާރުތަކުން ފުރުސަތު ހޯދައިދިނުމުގެ ގޮތުން ބީސީސީއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި މި ޕޯޓަލްގެ މަގްސަދަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި މަސްވެރިކަމާ ގުޅުންހުރި އުފެއްދުންތައް އުފައްދާ ފަރާތްތަކަށް ވާދަވެރި ވިޔަފާރީގެ ފުރުސަތުތަކެއް ފަހިކޮށްދިނުން ކަމަށް ބީސީސީ ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ސާމިހް އާދަމް ވިދާޅުވެފައިވެއެވެ.
އުންމީދަކީ މި ޕޯޓަލް އާއެކު ދިވެހީންގެ ފަންނީ އަދި އީޖާދީ ވިސްނުމާއި ތަފާތު އުފެއްދުންތައް މި ސިނާއަތުން ފެނިގެން ދާނެ ކަމަށް ބީސީސީ އިން ބުނެއެވެ. މި އަދު މި އިފްތިހާހު ކުރި މަހަ ޕޯޓަލްގައި މިހާރު ރަޖިސްޓާރ ކުރެވޭނެއެވެ.