Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ނިންމުން ބަދަލުކޮށް ކްރޫސް ޖަރުމަނު ޓީމާ ގުޅެން ނިންމައިފި

ޖަރުމަނު ޓީމަށް ކުޅުން ރަސްމީކޮށް ހުއްޓާލާފައިވާ އެގައުމުގެ މިޑްފީލްޑަރު ޓޮނީ ކްރޫސް އަލުން ގައުމީ ޓީމަށް ކުޅެން ނިންމައިފި އެވެ.

ކްރޫސް އެނބުރި ގައުމީ ޓީމަށް އައުމާ އެކު މިއަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ގައުމީ ޓީމުން ފެންނާނެ އެވެ.

ރެއާލް މެޑްރިޑަށް ކުޅޭ ކްރޫސް، 34، އަކީ 2014 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ޖަރުމަނު ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. އެގައުމަށް ކްރޫސް ވަނީ 106 މެޗު ކުޅެފަ އެވެ.

ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ކްރޫސް އިއުލާންކުރީ 2021 ވަނަ އަހަރުގެ ޖުލައި މަހު އެވެ. އެކަމަކު އަލުން ގައުމީ ޓީމާ ގުޅެން ކްރޫސް ނިންމީ ޖަރުމަނުގެ މިހާރުގެ ކޯޗު ހޫލިއަން ނާގެލްސްމަންއާ ވާހަކަދެއްކުމަށް ފަހު އެވެ.

"އަހަރެން މާޗް މަހުން ފެށިގެން ޖަރުމަނު ޓީމުން އަލުން ފެންނާނެ. ކީއްވެ؟ އެއީ ކޯޗު އަހަރެންނާ ވާހަކަދައްކާފަ އެދުނީ ކުޅެން ތައްޔާރަށް ހުރިތޯ" ކްރޫސް ބުންޏެވެ.

ކްލަބް ކެރިއަރުގައި ކްރޫސް ވަނީ ބަޔާން މިއުނިކާ އެކު ޖަރުމަނު ލީގާއި ރެއާލް މެޑްރިޑާ އެކު ސްޕެނިޝް ލީގު ކާމިޔާބުކޮށްފަ އެވެ. އަދި، ރެއާލްއާ އެކު ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އެވެ.

ވޯލްޑް ކަޕް ހޯދުމުގެ އިތުރުން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތިން ވަނަ ހޯދި ޖަރުމަނު ޓީމާއި 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ވާދަކުރި ޓީމުގައި ވެސް ކްރޫސް ހިމެނުނެވެ.

ކްރޫސްގެ އެނބުރި އައުމާ އެކު ޖަރުމަނު އެންމެ އަވަހަށް ބައިނަލްއަގްވާމީ މެޗުތައް ކުޅޭނީ އަންނަ މަހު އެވެ. އަންނަ މަހު ކުޅޭ އެކުވެރިކަމުގެ ދެ މެޗުގައި ޖަރުމަނު ނުކުންނާނީ ފްރާންސް އަދި ނެދަލެންޑްސްއާ ދެކޮޅަށެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ޖަރުމަނު، ޖޫން 14 ވަނަ ދުވަހު ޖަރުމަނު ނުކުންނާނީ ސްކޮޓްލެންޑާ ދެކޮޅަށެވެ.

މި ލިއުމާއި ގުޅޭ