އަނިޔާގެ ސަބަބުން ގިނަ ކުޅުންތެރިންތަކެއް ކުޅުމާ ދުރުގައި ތިއްބަސް އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން ލޫޓަން ޓައުން 1-4 އިން ބަލިކޮށްފި އެވެ.
މެޗަށް ލިވަޕޫލް ނުކުތްއިރު އެޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނޭ ގިނަ ކުޅުންތެރިންތަކަކަށް ވަނީ އަނިޔާގެ މައްސަލަތައް ކުރިމަތިވެފަ އެވެ.
އަނިޔާގައި ތިބި ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ގޯލްކީޕަރު އެލިސަން ބެކާ އާއި ޑިފެންޑަރު ޓްރެންޓް އަލެކްސަންޑާ އަނޯލްގެ އިތުރުން ޑިއޯގޯ ޖޯޓާ، މުހައްމަދު ސަލާހް، ތިއާގޯ، ޑޮމިނިކް ސޮބޮސްލާއީ، ޔޮއެލް މަޓިޕް، ކާޓިސް ޖޯންސް އަދި ޑާވިން ނޫނޭޒް ހިމެނެ އެވެ.
އަނިޔާއިން އެނބުރި އައުމަށް ފަހު މި ހަފްތާ ބްރެންޓްފޯޑް އަތުން ލިވަޕޫލް މޮޅުވި މެޗުގައި ސަލާހް ކުޅެން އެރި އެވެ. އެކަމަކު ރޭގެ މެޗަށް ނުކުތްއިރު ސަލާހަށް އަނިޔާގެ މައްސަލައެއް ދިމާވުމުން ކުޅެފައެއްނުވެ އެވެ.
މެޗު ފަށައިގެން ފުރަތަމަ ލީޑު ނެގީ ލޫޓަން އިންނެވެ. އެކަމަކު ލިވަޕޫލުން ވަނީ ފަހުން ކުޅުން ރަނގަޅުކޮށް ހަތަރު ގޯލު ޖަހައިފަ އެވެ. މެޗުގައި ލިވަޕޫލްގެ ގޯލުތައް ކާމިޔާބުކޮށްދިނީ ވާޖިލް ވެންޑައިކާއި ކޯޑީ ގަކްޕޯގެ އިތުރުން ހާވީ އެލިއޮޓް އަދި ލުއިސް ޑިއާޒް އެވެ.
މޮޅާ އެކު ލިވަޕޫލް ވަނީ 26 މެޗުން 60 ޕޮއިންޓް ހަމަކޮށް އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 25 މެޗުން ލިބިފައިވަނީ 56 ޕޮއިންޓެވެ.
ލީގުގައި ހޯދި މޮޅަށް ފަހު އަންނަ އާދީއްތަ ދުވަހު ލިވަޕޫލް ނުކުންނާނީ އިނގިރޭސި ލީގު ކަޕް ފައިނަލުގައި ޗެލްސީއާ ދެކޮޅަށެވެ.