އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ފާއިތުވި 3 މަހެއްހައި ދުވަހުގެ ތަޖުރިބާއަށް ބަލައި، އެމަނިކުފާނާ ރައްޔިތުން ހަވާލުކުރި ޒިންމާ އަދާކުރެއްވުމުގައި އެމަނިކުފާނަށް އެހީތެރިވާނެ ރައްޔިތުންގެ މަޖިލީހެއް ރައްޔިތުން އިންތިޚާބުކޮށްދޭނެކަމަށް އުންމީދުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ގއ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ވިލިނގިލީގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ހުރިހާ ވައުދުތައް ފަރުވާތެރިކަމާއެކު ފުއްދެވުމަށް މަސައްކަތްކުރައްވަމުންގެންދަވާ ކަމަށެވެ. އަދި އެއިން އެއްވެސް ވާހަކަފުޅެއް ހަނދުމަފުޅުނުނެތޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ވާހަކަފުޅުތައް ފޮތެއްގެ ގޮތުގައި ޝާއިއުކޮށް ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއުކޮށް ހުރިހާ އިދާރާތަކަށް ފޯރުކޮށްދެމުންދަނީ، އެވާހަކަފުޅުތައް ދެއްކެވީ އިޚުލާސްތެރިކަމާއެކުގައި ކަމަށްވާތީ ކަމަށެވެ.
"ދަރުބާރެގެއަށް ގޮސް އެޕްލިކޭޝަން ލާފައި ނުކުމެ އެތަނުގައި ދެއްކި ކުޑަކުޑަ ވާހަކަކޮޅުން ފެށިގެން އިންތިޚާބު ނިންމައި، އިންތިޚާބުގެ އެންމެ ފަހު ދުވަހާ ހަމައަށް ދެއްކި ހުރިހާ ވާހަކައެއް އެ ފޮތުގައި އަކުރުން އަކުރަށް ލިޔެފައިވާނެ. އެއީ އެއްވެސް ކަމެއް ނުފޮރުވަންވެގެން. އެދުވަހު ދެއްކި ވާހަކަ ކޮބައިހޭ ރައްޔިތުންނަށް އެހޭނެ. އެޗެލެންޖު ނަގަން އަޅުގަނޑު ބޭނުންވާތީ. އިޚުލާޞްތެރިކަމާއެކު ޚިދުމަތްކުރަން ބޭނުންވާތީ،" ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުވީ ކޮންމެ ވައުދެއް ފުއްދުމުގައި ކުރިއަށްދާނަން. މިކަމުގައި ރައްޔިތުން އެއްބާރުލުން އަޅުގަނޑަށް ދެއްވަންވީ،"
ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހުގައި ރާއްޖޭގެ އިޤުތިޞާދު އޮތް ހާލަތު ވަރަށް ރަނގަޅަށް ވިދާޅުވެދެއްވި ކަމަށެވެ. އެގޮތުން ރާއްޖޭގެ ދަރަނި އޮތް މިންވަރާއި، އިޤުތިޞާދު ފުން އަނދަވަޅެއްގައި އޮތްކަން ވިދާޅުވެދެއްވި ކަމަށާއި، ދަރަނި އަދާކުރުމަށް އެތައް ކަމެއް ކުރައްވާކަމަށާއި، ކުރީ ސަރުކާރުން އެއްވެސް އަސާސެއް ނެތް ސެޓްލްމެންޓު ކޮމިޓީއެއް ހަދައިގެން ސިޔާސީ ބޭނުމަށް އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ބަދަލުދިނުމުގެ ނަމުގައި ބަހާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވެރިކަމަށް ވަޑައިގެން އެއިރުގެ ސަރުކާރުން އެކުލަވާލާފައިވާ ސެޓްލްމެންޓު ކޮމިޓީ އުވައިލެއްވިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ބޭއިންސާފުން ބަދަލުގެ ގޮތުގައި ރައްޔިތުންގެ ފައިސާ ބަހައިނުހަދާނެ ކަމަށެވެ.
ހަމައެހެންމެ ދަރަނި އަދާކުރުމަށް ބޭރު ފައިސާ ޖަމާކުރާ ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި ހުރި އެތައް ސަތޭކަ މިލިއަން ޑޮލަރެއް ކުރީ ސަރުކާރުން ބޭނުންކޮށް، ޑޮލަރުން ފައިސާ ޖަމާކުރުން ހުއްޓާލާފައިވަނިކޮށް އަލުން އެ ފަންޑަށް ޑޮލަރުން ފައިސާ ޖަމާކުރަން މި ސަރުކާރުން ފަށާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޑޮލަރު ޖަމާކުރަން ފެށުމުގެ އިތުރަށް ޤާނޫނީ ހިމާޔަތް ފަންޑަށް ހޯދުމުގެ މަސައްކަތް ފަށާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މިހާރު އެއޮތީ މަޖިލީހަށް އަޅުގަނޑުމެން [ސަރުކާރުން] ހުށަހަޅާ ފުރަތަމަ ބިލުގެ ގޮތުގައިވެސް ހުށަހެޅީ މިދެންނެވި ސޮވެރިން ފަންޑާ ބެހޭ ބިލު. އެ ބިލު ޤާނޫނަކަށް މިހާރު އޮތް މަޖިލީހުން ހަދައިދީފިއްޔާ ވަރަށް ރަނގަޅު. ހަދައިނުދީފިނަމަ ކުރިއަށް އޮތް މަޖިލީހަށް ހޮވިވަޑައިގަންނަވާ ބޭފުޅުން އެބިލު ޤާނޫނަކަށް ހަދައިދޭނެކަމަށް އުންމީދުކުރަނީ،" ރައީސް ވިދާޅުވިއެވެ.
އިތުރަށް އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމަނިކުފާނު އުންމީދުކުރައްވައި ޔަގީންކުރައްވަނީ، ފާއިތުވި ދެތިން މަހުގެ ތަޖުރިބާއަށް ރިއާޔަތްކޮށް، ރައްޔިތުން އެމަނިކުފާނާ ހަވާލުކޮށްފައިވާ ޒިންމާ އަދާކުރުމުގައި އެހީތެރިވެދޭނެ މަޖިލީހެއް ރައްޔިތުން އިންތިޚާބުކޮށްދޭނެ ކަމަށް ކަމުގައެވެ.