ޣައްޒާ ހަނގުރާމަ ހުއްޓާލުމާ ބެހޭ މަޝްވަރާތައް ތުރުކީވިލާތާއި އެމެރިކާގެ ޑިޕްލޮމެޓުން އަނެއްކާވެސް ކޮށްފިއެވެ.
ތުރުކީގެ ޚާރިޖީ ވަޒީރު ހަކަން ފިދާން އާއި އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެން ވަނީ ބުދަ ދުވަހު ބްރެޒިލްގައި ދެޤައުމުގެ ގުޅުންތަކާއި ސަރަޙައްދީ މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
ތުރުކީގެ ޑިޕްލޮމެޓިކް މަސްދަރުތަކުން ބުނި ގޮތުގައި ފިދާން އާއި ބްލިންކެން ވަނީ "ވީހާވެސް އަވަހަކަށް" ޣައްޒާގައި މުޅިން ހަނގުރާމަ ހުއްޓާލުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ހިޔާލު ބަދަލުކޮށްފަ އެވެ.
ރިއޯ ޑި ޖެނީރޯގައި މިހާރު ކުރިއަށްދާ ޖީ-20 ގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ހަވާސާގައި، ޔޫކްރެއިންގެ ހަނގުރާމައާއި، ނޭޓޯގެ ފުޅާކުރުމުގެ މަރުހަލާއާއި، އަޒަރުބައިޖާނާއި އަރުމީނިއާއާ ދެމެދު ސުލްހައިގެ މަޝްވަރާތަކާއި، ސަރަޙައްދީ އެހެނިހެން ކަންކަމާ ބެހޭގޮތުންވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
އަދި ކުރިއަށް އޮތް މުއްދަތުގައި ކުރަން ހަމަޖެހިފައިވާ މަތީ ފަންތީގެ ޒިޔާރަތްތަކުގެ ޝެޑިއުލާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން ވާހަކަ ދެއްކެވި ކަމަށް މައުލޫމާތު ލިބެ އެވެ.
ޣައްޒާ ހަނގުރާމަ ހުއްޓާލުމާ ބެހޭ މަޝްވަރާ ކުރަމުންދާއިރު، އެމެރިކާއިން އެންމެފަހުންވެސް ވަނީ އަލްޖީރިއާއިން ސަލާމަތީ މަޖިލީހަށް ހުށަހެޅި ހަނގުރާމަ ހުއްޓާލުމާ ބެހޭ ގަރާރަށް ވީޓޯ ކޮށްފައެވެ. އެ ވީޓޯގެ ސަބަބުން ދުނިޔޭގެ ގައުމުތަކުގެ ފާޑުކިޔުން އެމެރިކާއަށްވަނީ އަމާޒުވެފައެވެ.