Thursday 16th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވިލާތުގެ އިއްތިޙާދު

ޔަމަނުގެ ހަނގުރާމަވެރިންގެ ހަމަލާތަކުން ރަތް ކަނޑުގެ އުޅަނދުތައް ހިމާޔަތްކުރުމަށް އީޔޫއިން "މިޝަން އެސްޕައިޑްސް" ފަށައިފި

އީރާނަށް ތާއީދުކުރާ ހޫތީ ހަނގުރާމަވެރިންގެ ހަމަލާތަކުން ރަތް ކަނޑުގެ ވިޔަފާރީގެ އުޅަނދުތައް ހިމާޔަތްކުރުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން "މިޝަން އެސްޕައިޑްސް" ގެ ނަމުގައި އަސްކަރީ މިޝަނެއް ރަސްމީކޮށް ފަށައިފިއެވެ.
މިޝަން "އެސްޕައިޑްސް" - ގްރީކް ފޯ ޝީލްޑް - އަމާޒަކީ މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން ހޫތީ ހަނގުރާމަވެރިން ޑްރޯން އާއި ރޮކެޓް ހަމަލާތައް ދީގެން ކަނޑުމަގުގައި ދަތުރުކުރާ އުޅަނދުފަހަރަށް އަމާޒުކުރަން ފެށުމުން، ހަމަނުޖެހުން ބޮޑު ސަރަހައްދެއް ކަމަށްވާ ރަތް ކަނޑުގެ ސަރަހައްދާއި ގަލްފް އޮފް އެޑަންގައި ކަނޑުދަތުރުކުރުމުގެ މިނިވަންކަން ދެމެހެއްޓުމެވެ.
ޔަމަނުގެ ބައެއް ކޮންޓްރޯލް ކުރާ އީރާނަށް ތާއީދުކުރާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހޫތީން ބުނަނީ އެ މީހުންގެ ހަމަލާތަކަކީ މިހާތަނަށް ފަލަސްތީނުގެ 29،000 އެއްހާ މީހުން ޝަހީދުކޮށްލާފައިވާ ޣައްޒާގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށެވެ.
ދުނިޔޭގެ ވިޔަފާރީގެ 12 އިންސައްތަ އާއި ދުނިޔޭގެ ކޮންޓެއިނަރ ޓްރެފިކްގެ 30 އިންސައްތަ މުހިންމު ކަނޑުގެ މަގުން ދަތުރުކުރަމުންދާއިރު، އެމީހުންގެ ޙަމަލާތަކުގެ ސަބަބުން ޔޫރަޕަށް ވިޔަފާރީގެ މުޢާމަލާތްތަކަށް ވަރަށް ބޮޑަށް ބުރޫއަރާނެކަމުގެ ބިރު ވަނީ ހީވެފައެވެ.
ފްރާންސް، ޖަރުމަނު، އިޓަލީ އަދި ބެލްޖިއަމުން މިހާތަނަށް ވަނީ އީޔޫގެ މިޝަނަށް އުޅަނދުތައް ހަދިޔާކުރަން ނިންމާފައިވާކަން ކަށަވަރުކޮށްދީފަ އެވެ. ގްރީސްގެ އޮޕަރޭޝަނަލް ހެޑްކުއާޓަރަށް ކޮމާންޑަރެއް، ފޯސް ކޮމާންޑަރަކަށް އިޓަލީން އަދި ޑެޕިއުޓީ ފޯސް ކޮމާންޑަރަކަށް ފްރާންސް އިން ދޭނެ އެވެ.
ބްލޮކްގެ އެންމެ އިސް ޑިޕްލޮމެޓް ޖޯސެފް ބޮރެލް ސިފަކުރެއްވި ގޮތުގައި މި މިޝަން އަކީ އީޔޫ އާއި ބައިނަލްއަގުވާމީ މުޖުތަމައުގެ ވިޔަފާރީގެ އަދި ސަލާމަތީ މަސްލަހަތުތައް ހިމާޔަތް ކުރުމަށް އެޅި ހިތްވަރުގަދަ ފިޔަވަޅެކެވެ.
ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ވޮން ޑަ ލެޔެން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ވިދާޅުވީ ކްރައިސިސް ރެސްޕޮންސްގެ ބޭރުން މިއީ ޔޫރަޕްގެ މަސްލަހަތު ތައް ހިމާޔަތް ކުރުމަށް ކަނޑުމަތީގައި ޔޫރަޕްގެ ވަރުގަދަ ބަޔަކު ތިބުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.
އީޔޫގެ އިސް ޑިޕްލޮމެޓަކު ވިދާޅުވީ އެޕްސައިޑްސްއަކީ ހަމައެކަނި "ޕްރޮޓެކްޓިވް" މެންޑޭޓެއް އޮންނަ މިޝަނެއް ކަމަށާއި ފިޔަވަޅު އަޅާނީ ނުރައްކަލެއް އޮތް ހާލަތެއްގައި، މިނިމަމް ފޯސް އާއެކު ކަމަށެވެ.
އަދި މި މިޝަންގައި މަދުވެގެން ހަތަރު ފްރިގޭޓް ހުންނާނެ ކަމަށާއި "މަދު ހަފުތާއެއްހާ ދުވަހުގެ ތެރޭގައި" މިޝަން މުޅިން އޮޕަރޭޓް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގްރީސްގެ ލާރިސާގައި ހުންނަ މި އޮޕަރޭޝަން ހެޑްކުއާޓާސް އަކީ މިހާރުވެސް އެ ސަރަހައްދުގައި ތިބި "އެއްވިސްނުމުގެ ޕާޓްނަރުން" އާ ގުޅިގެން މަސައްކަތް ކުރާނެ ތަނެކެވެ.
މި ލިއުމާއި ގުޅޭ