Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ފާއިތުވި ސަރުކާރުން 5 އަހަރުތެރޭ ދުވާލަކަށް 33 މިލިއަން ރުފިޔާގެ ދަރަނި އުފައްދާފައިވޭ

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ފަސް އަހަރުގައި ދުވާލެއްގެ މައްޗަށް 33 މިލިއަން ރުފިޔާގެ ދަރަނި އުފައްދައި، ދައުރުގެ ތެރޭގައި ދައުލަތުގެ ދަރަންޏަށް 60 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ދަރަނި އިތުރުވެފައިވާކަން ހާމަވެއްޖެއެވެ.

"ދިޔަރެސް"އިން ހޯދި ހިސާބުތަކަށް ބަލާއިރު ރައީސް އިބްރާހީމުގެ ވެރިކަމުގައި ސަރުކާރުގެ ސީދާ ދަރަނީގެ ގޮތުގައި (ގަރަންޓީ ދީފައިވާ ދަރަނި ނުހިމަނައި) 58.6 ބިލިއަން ރުފިޔާ ނަގާފައިވެއެވެ. އެއިން 16.8 ބިލިއަން ރުފިޔާއަކީ ބޭރުގެ ދަރަންޏެވެ. އަދި 41.8 ބިލިއަން ރުފިޔާއަކީ އެތެރޭގެ ދަރަންޏެވެ.

އަދި އެ މުއްދަތުގައި ރައީސް އިބްރާހީމުގެ ސަރުކާރުންވަނީ ދައުލަތުގެ ގެރެންޓީ ދީގެން 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދަރަންޏަށް ނަގާފައެވެ. ފަސް އަހަރު ޖުމްލަ ނަގާފައިވާ ދަރަނީގެ އަދަދު 60.7 ބިލިއަން ރުފިޔާއަށް އަރައެވެ. އެއީ ނޮވެންބަރު 17 2018 ވަނަ ދުވަހުން 2023 ވަނަ އަހަރުގެ ނޮވެންބަރު 17 އަށް ހޭދަވި 1،826 ދުވަހަށް ބަލާނަމަ ދުވާލަކަށް 33 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާގެ ދަރަންޏެވެ.

ރައީސް އިބްރާހީމުގެ ދައުރުގައި ދައުލަތުގެ ދަރަންޏަށް އިތުރުވެފައިވާ މިންވަރަކީ އެމަނިކުފާނުގެ ކުރިން ރާއްޖޭގައި ވެރިކަން ކުރެއްވި 4 ރައީސުންގެ ދައުރުގައި އެއްވެފައިވާ ޖުމްލަ ދަރަންޏާ ނުބައްދަލު އަދަދެއްކަން "ދިޔަރެސް"އިން ހޯދާފައިވާ މާލީ ހިސާބުތަކުން ފެނެއެވެ.

އެގޮތުން ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަން ނިމުނުއިރު ދައުލަތުގެ ޖުމްލ ދަރަންޏަކީ 6.2 ބިލިއަން ރުފިޔާއެވެ. ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ދައުލަތުގެ ދަރަންޏަށް އިތުރުވެފައިވަނީ 17.7 ބިލިއަން ރުފިޔާއެވެ. އަދި ރައީސް ވަޙީދުގެ ވެރިކަމުގއި 4.6 ބިލިއަން ރުފިޔާ އިތުރުވިއިރު ރައީސް ޔާމީނުގެ ވެރިކަމުގައި އިތުރުވީ 31.5 ބިލިއަން ރުފިޔާއެވެ. އެހެންކަމުން އެ 4 ބޭފުޅުންގެ ވެރިކަމުގައި ދައުލަތުގެ ދަރަންޏަށް ޖުމްލަ އިތުރުވެފައިވަނީ 61 ބިލިއަން ރުފިޔާއެވެ.

ދައުލަތުގެ ގެރެންޓީ ދީފައިވާ ދަރަނި ނުހިމަނައި ރައީސް މައުމޫނުގެ ވެރިކަން ނިމުނުއިރު ސަރުކާރުގެ ސީދާ ދަރަންޏަކީ 5.7 ބިލިއަން ރުފިޔާއެވެ. ރައީސް ނަޝީދުގެ ސަރުކާރުގައި 17.3 ބިލިއަން އިތުރުވިއިރު، ރައީސް ވަޙީދުގެ ވެރިކަމުގައި އިތުރުވީ 2.9 ބިލިއަން ރުފިޔާއެވެ. އަދި ރައީސް ޔާމީނުގެ ފަސް އަހަރުން އިތުރުވީ 22.1 ބިލިއަން ރުފިޔާއެވެ. ހަތަރު ރައީސުންގެ ވެރިކަމުން ދަރަންޏަށް އިތުރުވެފައިވަނީ ޖުމްލަ 48 ބިލިއަން ރުފިޔާއެވެ.

އެހެންކަމުން ހަމައެކަނި ސަރުކާރުގެ ސީދާ ދަރަނީގެ ގޮތުގައި ރައީސް އިބްރާހީމުގެ ވެރިކަމުގައި އޭގެ ކުރީގެ ހަތަރު ރައީސުންގެ ވެރިކަމުގައި ދަރަންޏަށް އިތުރުވި މިންވަރަށްވުރެ އިތުރަށް 10 ބިލިއަން ރުފިޔާގެ ދަރަނި އުފައްދާފައިވެއެވެ.

މި ލިއުމާއި ގުޅޭ