ފަލަސްތީނުގެ ޣައްޒާއަށް އިސްރާއީލުން ދެމުންދާ ނުރައްކާތެރި ހަމަލާތަކާއި، ޣައްޒާގައި ހަމާސްއާއި އިސްރާއިލާ ދެމެދު ހިނގަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވާލައި ގަރާރެއްގެ ޑްރާފްޓް ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް އަލްޖީރިއާއިން ބުނެފިއެވެ.
އަލްޖީރިއާގެ ދައުލަތުގެ ޓީވީން ބުނީ އެ ޑްރާފްޓަށް އދ.ގެ ސަލާމަތީ މަޖިލީހުން އަންގާރަ ދުވަހު ވޯޓަށް އަހާނެ ކަމަށެވެ.
އަލްޖީރިއާއަކީ އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެމްބަރެކެވެ.
މިގަރާއަށް ވޯޓަށް އެހިޔަސް ފާސްނުވާނެކަން މިހާރު އޮތީ އެނގިފައެވެ. އެއީ އަލްޖީރިއާގެ އެ ޑްރާފްޓާ ދެކޮޅަށް ސަލަމާތީ ކައުންސިލްގައި އެމެރިކާއިން ވީޓޯ ކުރާނެކަން މިހާރުވަނީ އަންގާފައެވެ. އެކައުންސިލްގައި ފާސްކުރާ ޤަރާރުތަށް ވީޓޯ ކުރުމުގެ ބާރު އެމެރިކާއަށް އޮންނާނެއެވެ.
އެމެރިކާއިން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ލިންޑާ ތޯމަސް-ގްރީންފީލްޑް އާދީއްތަ ދުވަހު ވިދާޅުވީ އަލްޖީރިއާގެ ޑްރާފްޓް ގަރާރު "ފާސްނުކުރާނެ" ކަމަށާއި، އެ ޑްރާފްޓް ބަލައިނުގަތުމަށް ވޮޝިންޓަނުން ވީޓޯ ބޭނުން ކޮށްފާނެ ކަމުގެ އިޝާރާތެއް ދެއްވާ ކަމަށެވެ.
އަނާޑޯލޫއާ ވާހަކަ ދެއްކި އެމެރިކާގެ ޑިޕްލޮމެޓިކް މަސްދަރަކުން ބުނި ގޮތުގައި އަލްޖީރިއާގެ ޑްރާފްޓްގައި ޣައްޒާގައި އިންސާނީ ބޭނުމަށް ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައިވަނީ މިދިޔަ މަހު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ނެރުނު ވަގުތީ އަމުރެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.
އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ހަމަލާއަށްފަހު އިސްރާއީލުން ވަނީ ޣައްޒާއަށް ހަމަލާދީ 28،775 މީހުން ޝަހީދުކޮށްލައި ޣައްޒާ ސިޓީއަށް ބޮޑެތި ގެއްލުންތައް ދީ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި އެތެރެވިޔަނުދީ ހިފަހައްޓާފައެވެ. މަދުވެފައެވެ.
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގެ އާބާދީގެ 85 އިންސައްތަ މީހުން ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހުގެ ދަތިކަން ބޮޑުވެ ގެދޮރު ގެއްލިފައިވާއިރު، އެންކްލޭވްގެ އުމްރާނީ ވަސީލަތްތަކުގެ 60 އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭ ވަރުވެފައި ކަމަށް އދއިން ބުނެއެވެ.
ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސްގައި އިސްރާއީލުގެ މައްޗަށް ޖަރީމާގެ ތުހުމަތު އުފުލާފައިވާއިރު، މިދިޔަ ޖެނުއަރީ މަހު ނެރުނު ވަގުތީ ހުކުމެއްގައި ވަނީ ޣައްޒާގައި ދިރިއުޅޭ އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޖިނާއީ އަމަލުތައް ހުއްޓާލައި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޔަވަޅުތައް އެޅުމަށް ތެލްއަވީވްއަށް އަމުރުކޮށްފައެވެ.